Ad

ހައުސިން ލޯނު ސްކީމުގައި މަސްވެރިންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފި

ސަރުކާރުގެ ހައުސިންގ ލޯން ސްކީމްތަކަށް މަސްވެރިންނަށް ހުށައެޅޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިކަމަށްޓަކައި އެ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، ސަރުކާރުގެ ހައުސިންގ ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި ފުރުސަތު ހުޅުވާލީ އިޤްތިޞާދީ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީވެސް މަސައްކަތުގެ ތެރޭގައި ޝާމިލްވާންޖެހޭ ބައެއްކަމަށް ފެންނާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މަސްވެރިންގެ ދަފްތަރުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް ލޯނަށް ހުށައެޅޭނެކަމަށާއި، އަދި ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށްވެސް މި ފުރުސަތު ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހައުސިން ލޯނު ސްކީމްއަށް އެހެން ދާއިރާތައްވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްސަކޮށް ދަފްތަރުވެފައި ތިބޭ ފަރާތްތައް ބައިވެރިކުރުމަކީ އަޅުގަނޑުމެން ރާވާފައި އޮތް ކަމެއް. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތައްވެސް ބައިވެރިކުރުވުމަށް އަޅުގަނޑުމެން އޮތީ ކަނޑައަޅާފައި." ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަކީ ރައީސުލްޖުމްހޫރިއްޔާގެ ގެދޮރުވެރިކަމުގެ ސިޔާސަތުން މަހުރޫމް ނުވާނެ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ. މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެގޮތައް މަސައްކަތް ކުރަމުންދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *