Ad

ފޮޓޯ

ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.

އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ނުރަސްމީ ޒިޔާރަތުގައި އޭޕްރީލް 12 ވަނަ ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން : މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ، އައްޑޫ ސިޓީ ބްރިޖްގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށްޓަވާނެކަމަށާ، މި ދައުރު އެ މަޝްރޫޢު މުޅީން ނިންމަވާނެކަން އިޢުލާނުކުރައްވާފައި. އަދި އައްޑޫ ސިޓީއަށް ވަޢުދުވެވަޑައިގެންނެވި އެނޫން ހުރިހާ މަޝްރޫޢެއްވެސް 5 އަހަރުގެ މި ދައުރުގައި ނިންމަވާނޭކަމަށް ވިދާޅުވެފައި

އައްޑޫ ސިޓީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭޕްރީލް 12 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް ދެންނެވި ހޫނު މަރްޙަބާގެ ތެރެއިން، އެ ސިޓީއަށް ނިސްބަތްވާ މަޝްހޫރު ޑޮކްޓަރެއްކަމުގައިވާ ޑރ. ޢަބްދުﷲ ޢަފީފްއާ ސަލާންކުރައްވަނީ. މިއަދު ރައީސް މުޢިއްޒަށް އައްޑޫ ސިޓީއިން ދެންނެވީ މިހާތަނަށް އެ ސިޓީގެ ތާރީޚުގައި ސިޔާސީ ލީޑަރަކަށް އެންމެ ގިނަ ރައްޔިތުން އެއްވެ ދެންނެވި އެންމެ ކުލަގަދަ މަރްޙަބާ.

މިމަހު 21 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ އިންތިޚާބީ ސަރަޙައްދުތަކުގައި ދޮރުންދޮރަށް ހިންގެވުމުގެ ތެރެއިން، މަގުމަތީން ބައްދަލުވި ކުޑަކުއްޖަކާ ސަލާމްކުރައްވަނީ. އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންނަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވުމަށް ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުން.

މި ރަމަޟާންމަހު މާލެ ސިޓީ، ހެންވޭރު، ސަލްމާން ރަސްގެފާނު މިސްކިތުގައި ރޯދަ އޮތް ރޯދަވީއްލުމެއްގެ ތެރެއިން: ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައިވެސް ރޯދަ ވީއްލުމުގެ ސުފުރާތައް ރޯދަމަހުގެ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތު އޮވޭ. ވަރަށް ގިނަ ޖަމާޢަތްތަކާ ޢާއިލާތަކާ ފަރުދުންވެސް މި ސުފުރާތަކަށް ކާބޯތަކެތި ހަދިޔާކުރޭ. މިއީ އިޙްސާންތެރިކަމާ އިޖްތިމާޢީ ބަދަހި ގުޅުމުގެ ރީތި ނަމޫނާއެއް.

ހުޅުމާލެ، ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭޕްރީލް 2 ވަނަ ދުވަހުގެރޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމަށް ވަޑައިގެން ތިއްބެވި ރައްޔިތުންނާ ސަލާންކުރެއްވުމުގައި ގަޑިއިރަކަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައި. އަދި ރައްޔިތުންނާ މުޚާޠަބުކުރައްވާ މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައި.