"ހިޔާ މަޝްރޫޢު"ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމުް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅި ހުރި އިތުރު ފަރާތްތަކެއްގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޢާއްމުކޮށްފިއެވެ.
ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދެއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓެގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅޭ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ލިސްޓެއް ޢާންމުކޮށްފައެވެ. މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ކުރިއަށްގެންދާ ވެރިފައިކުރުމުގެ ޕްރޮސެސްގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާތީ، ނުގުޅޭ ފަރާތްތަކުގެ "ލިސްޓު 2" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ގެޒެޓްކޮށްފައެވެ. މިލިސްޓުގައި މި ކެޓަގަރީއިން ނުގުޅޭ އިތުރު 93 މީހެއްގެ ނަން ހިމަނާފައިވެއެވެ.
މިއަދު ޢާންމުކުރި ލިސްޓު 2 ގައި ހިމެނޭ ފަރާތްތަކުންވެސް މިމަހުގެ 5ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމް ފުރިހަމަކުރުމަށް އެ ކޮމެޓީންވަނީ އެދިފައެވެ.