ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ ކަމުގެ ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި އަމަރުކުރީ މަގުބޫލު ސަބަބެއް ނެތި ކޯޓުގެ އަަޑުއެހުންތަކަށް ހާޒިރުނުވާތީ، ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުމުންނެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއިރު، މިއަދުގެ އަޑުއެހުމަށް ވެސް މަންޑޭ ހާޒީރުކުރީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރެއްގެ ދަަށުންނެވެ.
ކޭޕާކު މައްސަލައިގައި މަންޑޭއަށް ކުރަނީ 104 ދައުވާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑަރިން ދައުވާ އެވެ.




