Advertisement
BML Home 2nd Ad

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދެނީ!

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ދިނުމަށް ވިސްނަމުންދާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ 'އެކްސް' ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

“ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި.” ރައީސް ޑރ މުއިއްޒު ކުރެއްވި ޕޯސްޓެއްގައިވެއެވެ.

އެފަދަ ރަށްރަށަށް ފައިސާގެ އިނާމެއް ދެއްވުމަށް އެމަނިކުފާނު ވިސްނާވަޑައިގެންފައިވަނީ، އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއްގެ ގޮތުގައެވެ. މިއީ، ދިވެހި މުޖުތަމަޢަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯއްދެވުމަކީ އެމަނިކުފާނުގެ ޢަޒުމެއްކަމުގައި ތަކުރާރުކުރައްވައި، ބަހާއި ޢަމަލުންވެސް އެމަނިކުފާނު ގެންދަވަނީ އެކަން ދައްކަވަމުންނެވެ. އެގޮތުން، 21 މޭ 2025 ގައި އެމަނިކުފާނު ވަނީ، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވާފައެވެ. މިއާއެކު މިއަހަރުގެ ނޮވެންބަރު މަހު މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒުކުރަން ފަށާނެއެވެ.

މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް މި މަޤްޞަދުގައި ޤާނޫނީ ބާރު ލިބިދީގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެވެ.

މި ކަންކަމުގެ އަގުވަޒަންކުރައްވައި، މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add