ހަނގުރާމަ ކުރިއަށް ގެންދިއުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާ އިން ދިން އެހީތެރިކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޝުކުރު އަދާކޮށްފައެވެ.
ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެފައެވެ. އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމަށް އަމަލުކުރާ ހިސާބުން ފެށިގެން އީރާނުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އީރާނަށް އަލުން ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.
އިސްރާއީލުން މި މަހުގެ 13 ވަނަ ދުވަހު އީރާނަށް ދިން ކުއްލި ހަމަލާގައި އީރާންގެ އަސްކަރިއްޔާގެ ވެރިންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ. އަދި އީރާންގެ ނިއުކްލިއާ ފެސިލިޓީތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް އިސްރާއީލުން ބޮން އެޅިއެވެ. އަދި އެމެރިކާއިން ހަނގުރާމައިގެ ތެރެއަށްވަދެ އީރާންގެ ނިއުކުލިޔަރ މަރުކަޒުތަކަށް ބޮންއެޅިއެވެ. މީގެ ރައްްދު އީރާނުންވަނީ ވަރަށް ވަރުގަދައަށް ދީފައެއެވެ.
ހަނގުރާމަ ހުއްޓާލަން އެމެރިކާއިން މަސައްކަތް ފެށީ މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީބޭސްތަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތަކެއް ރޭ ދީފައިވަނިކޮށް ގޮތް ހުސްވެގެންނެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޙަމަލާތައް މެދުކަނޑައިލާފައި ވަނީ އީރާން ގަޑިން މެންދަމުންއަލިވެ 4 ޖެހިއިރު ކަމުގައެވެ. އަދި، ޔަހޫދީންނަށް އިތުރު ޙަމަލާތަކެއް ދިނުމުގެ ނިޔަތެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އޭގެ ފަހުން ވެސް އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާ ކަމުގައި ޔަހޫދީން ތުހުމަތު ކުރެއެވެ.




