އާރްޓީއެލް ފެރީގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އާރްޓީއެލް ފެރީގައި އެ ރަށަށް އައި، އެރަށު ދޮންވެލި އުމުރުން 44 އަހަރުގެ ޝިފާއުﷲ ސައީދު ހުއްޓުވާ ބަލައިފާސްކުރިއިރު، އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ޝިފާއުﷲ ހުއްޓުވަން އުޅުމުން، މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި އޭނާ ވެއްޓި، ކަނާއަތު ކަކުލާއި އުޅަބޮށި މަށައިގެން ދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 11 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ޝިފާޢުއަކީ އެމްޓީސީސީގެ މުވައްޒަފެއްކަމަށް މައުލޫމާތުލިބެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.




