ޖަޕާނުގެ ދެކުނުން ވަކިން އޮންނަ ރައްތަކަށް ފާއިތުވި 2 ހަފުތާގެ ތެރޭގައި 900 އަށް ވުރެ ގިނަ ބިންހެލުން އައިސްފައިވާ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
އެރަށް ތަކުގެ ދިރިއުޅޭ ރައްޔިތުން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން ނުނިދޭ ކަމަށާއި، ނަމަވެސް މި ބިންހެލުންތަކުން މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ބިންހެލުންތައް އާދަޔާހިލާފަށް ގިނަވުމާގުޅިގެން ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ކުއްލި ނިއުސް ކޮންފަރެންސެއް ކުރިއަށް ގެންގޮސްފައި ވާއިރު އެވަގުތުވެސް ޖަޕާނުގެ ކިއުޝޫ ސަރަހައްދުގެ ދެކުނުގައި އޮންނަ ޓޯކަރާ އައިލެންޑް ޗެއިންއަށް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވެއެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނީ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓޯކަރާ އައިލެންޑް ޗެއިންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ސިސްމިކް އެކްޓިވިޓީ ވަރަށް ބޮޑަށް ހަރަކާތްތެރި ކަމަށާއި، އެގޮތުން އެއްޔެގެ ހަވީރު 4:00 ޖެހުމާ ހަމައަށް ހަމައަށް ބިންހެލުމުގެ ޖުމްލަ އަދަދު ވަނީ 900 އަށް ވުރެ މައްޗަށް ގޮސްފައި ކަމަށެވެ. އަދި ބިންހެލުންތައް ހުއްޓޭނެ ދުވަހެއް އެ އެޖެންސީއަށް އަންދާޒާ ނުކުރެވޭ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
ޓޯކަރަ ވިލެޖްގެ ވެބްސައިޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ރަށުގެ ރައްޔިތުންނަށް ނިދި ނުލިބުމުގެ ސަބަބުން ވަރުބަލިކަން ވަނީ އިހްސާސްކުރެވެން ފަށާފައެވެ.
ޕެސިފިކް "ރިންގް އޮފް ފަޔާ" ގެ ހުޅަނގު ފަރާތުގައި ވާ ހަތަރު ޕްރައިމަރީ ޓެކްޓޯނިކް ޕްލޭޓްގެ މަތީގައި އޮންނަ ޖަޕާނަކީ އެންމެ ބާރުގަދަ ބިންހެލުންތައް ކުރިމަތިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
މިގޮތުން 125 މިލިއަން މީހުން ދިރިއުޅެމުން އަންނަ މި އާކިޕެލަގޯއަކީ އަހަރަކު ގާތްގަނޑަކަށް 1،500 ސިސްމިކް އިވެންޓްތައް ހިނގަމުންދާ އަދި ދުނިޔޭގެ ބިންހެލުމުގެ ގާތްގަނޑަކަށް 18 އިންސައްތަ ހިއްސާކުރާ ސަރަހައްދެކެވެ.




