ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާއަށް ކުރީގެ ހުރިހާ ރައީސުންނަށާއި ކުރީގެ ހުރިހާ ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވާ ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަށް ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަނީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެއްވުމުގައި ހުރިހާ ރައްޔިތުންގެ ހިދުމަތް މި ސަރުކާރުން ބަލައިގަންނަން ބޭނުންވާތީ ކަމަށެވެ.
ކުރީގެ ރައީސުންނާއި ނައިބްރައީސުންގެ ތެރެއިން މިވަގުތު ޤައުމުން ބޭރުގައި އުޅުއްވަނީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އެކަންޏެވެ.




