މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި ނަޞްރުގެ ދުވަހާ ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވި ކަމަށްޓަކައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މޮޑެލްއަކީ ތަފާތު ހުނަރުވެރި މަސައްކަތްތެރިކަމެއް ފެނިގެންދާ މޮޑެލްއެއްކަން ފާހަގަކުރައްވާ، މޮޑެލް ތައްޔާރުކުރުމަށް ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ދައްކުވައިދީފައިވާ ހުނަރުވެރި މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ވަނީ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުގެ ހުނަރުވެރި މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ވަނީ، މި މޮޑެލް ފަރުމާ ކުރުމާއި މޮޑެލް ހެދުމަށް ކުރި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޑިފެންސް މިނިސްޓަރާ ޙިއްސާ ކުރައްވާފައެވެ.
ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބޭކަލެކެވެ. ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަކީ، އޮފީސް މަސައްކަތްތަކުގެ އިތުރުން ލިބޭ ހުސްވަގުތުގައި އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ. ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އެމްއެންޑީއެފަށް ހަދިޔާކުރި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއަކީ، 2 ފޫޓު ދިގުމިނަށް ހަދާފައިވާ މޮޑެލްއެކެވެ. ގާތްގަނޑަކަށް 1 މަސް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި މޮޑެލް ހަދާފައިވަނީ، ސޮންބޯޑާއި ކަރުދާހުގެ އިތުރުން ދަގަނޑު ބޭނުންކޮށްގެންނެވެ.