ގޫގުލް ސްޓްރީޓް ވިއު ފޮޓޯއަކަށް އައުރަ ނިވާނުކޮށް ހުރި މީހެއް އަރުވިފަ ހުރުމުން އާޖެންޓީނާގެ ކޯތަކުން އެމީހާއަށް ބަދަލުގެ ގޮތުގައި 12500 ޑޮލަރު ނަގައިދީފި އެވެ.
އާޖެންޓީނާގެ ކޯޓަކުން އެގައުމުގެ ފިރިހެނަކަށް ގޫގުލް އިން 12،500 ޑޮލަރުގެ ބަދަލެއް ނަގައިދޭން ހުކުމްކޮށްފައިވަނީ ގޫގުލް ސްޓްރީޓް ވިއު ކާރަކުން ނަގާފައިވާ ފޮޓޯގައި އެ މީހާ ގޭގެ ބެކްޔާޑްގައި ބަރަހާނާ ކޮށް ހުރި މަންޒަރު އަރާފައިވާތީއާއި، އެ ސްޓްރީޓް ވިއު ފޮޓޯ ގޫގުލް އިން އާންމުކޮށް އެންމެނަށް ފެންނާނޭހެން ގޫގުލް މެޕް ގައި ހިމަނާފައި ވާތީއެވެ.
ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޫގުލް ސްޓްރީޓް ވިއު ފޮޓޯއަށް އަރާފައިވާ މީހާއަކީ އާޖެންޓީނާގެ ފުލުހެކެވެ. އަދި އޭނާ ހުރީ އޭނާގެ ގޭގެ 6 ފޫޓް އުސް އިންފާރުގެ އެތެރ ފަރާތުގައެވެ.
2017 ވަނަ އަހަރުގެ ގޫގުލް އިން ނަގާފައިވާ ފޮޓޯގެ ސަބަބުން އޭނާގެ އަގު ވައްޓި މަސައްކަތުގެ މާހައުލުގައާއި އަވަށުގައި ވެސް ފުރައްސާރައިގެ އަމާޒަކަށް ވުމުން އެ މައްސަލަ އޭނާ ބވަނީ ގޫގުލްއާއި ދެކޮޅަށް އެގައުމުގެ ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލާގައި ގޫގުލް އިން ބުނަމުން ދިޔައީ ޕެރިމިޓާ ވޯލް އަކީ ޕްރައިވެސީއަށް ބަލާއިރު އެކަށީގެންވާ ވަރުގެ އުސް ފާރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކޯޓުން އެ މީހާއާ އެއްކޮޅަށް ހުކުމް ކުރީ އެމީހާ ހުރި ތަނަކީ އާންމު ތަނަކަށް ނުވާތީ އާއި އެމީހެއްގެ ގޭގެ ވަށައިގެން، ހުރި ފާރަކީ އެވްރެޖް މީހެއްގެ އިސްކޮޅަށްވުރެ އުސް ފާރަކަށް ވާތީ، ގޫގުލްގެ މި އަމަލަކީ ޕްރައިވެސީއަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި އެވެ.




