އިންޑިއާގެ އިރުން އޮންނަ އެގައުމުގެ ބައެއް ކަމަށްވާ އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ކައިރިއަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.
ރޭ ދަންވަރު 12:11 ހާއިރު އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ކައިރީގައި އޮންނަ ބޭ އޮފް ބެންގާލްއަށް ރިކްޓަރ މިންގަނޑުން 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައިވެއެވެ. އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ސިސްމޮލޮޖީން ބުނީ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން ލެޓިޓިއުޑް 6.82 އެން އަދި ލޭންގިއުޑް 93.37 އީގައި ކަމަށެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި ބިންހެލުން އައިސްފައި މިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު މުޅި އިންޑިއާގެ ވެރިރަށް ދިއްލީ އާއި ނޭޝަނަލް ކެޕިޓަލް ސަރަހައްދަށް ކުދި ކުދި ބިންހެލުންތަކެއް އައިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. 3.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، ބިންހެލުމުގެ މައި މަރުކަޒު ހުންނަނީ ފަރީދާބާދުގައެވެ. އަދި މުދަލަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.
މިފަދަ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ދިއްލީ، ހަރްޔާނާ އަދި އުއްތަރަ ޕްރަދޭޝްއިން ވަނީ މިއަދު (ޖުލައި މަހުގެ 29) ން ފެށިގެން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް ކެޕިޓަލް ރީޖަން (އެންސީއާރު) ގައި ފުޅާ ދާއިރާއެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ރެޑީނެސް އެކްސަސައިޒްތައް ކުރިއަށް ގެންދިއުމަށް ރަވާފައެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި މި ތަމްރީނުތަކުގެ މަގުސަދަކީ ބިންހެލުމާއި ސިނާއީ ކެމިކަލް ހާދިސާތައް ފަދަ ބޮޑެތި ކާރިސާތަކަށް ކޯޑިނޭޝަން އަދި ރެސްޕޮންސް ސްޓްރެޓެޖީތައް ހަރުދަނާ ކުރުމެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ސަމޯއާ ކައިރީގައި އޮންނަ ސައުތު ޕެސިފިކް ސަރަހައްދަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ.




