ޤާނޫނު ނަންބަރ 2010/7، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މިއަދު ގެނައި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެއެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ މައުލޫމާތު ރައްތިތުންނަށް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި މެމްބަރު އަޝްރަޤް ކުރެއްވި ޕޯސްޓެއްގައިވަނީ، ޤާނޫނަށް ގެނެވުނު މި އިސްލާހު ތަކަކީ ހަރުދަނާ، ރަނގަޅު އިސްލާހުތަކެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"އަދި މިއިސްލާހުތަކާމެދު މަޝްވަރާކުރެވުނު ގިނަ ރައްޔިތުން މިއިސްލާހުތަކަށް ތާއީދުކުރާކަން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް މިބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ފަރާތްތައްވެސް ހުރިކަން ފާހަގަ ކުރަމެވެ. ވަކިން ޙާއްސަކޮށް ބައެއް ކައުންސިލްތަކުން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކީ ކައުންސިލްތަކުގެ ބާރުކުޑަވެ، ކައުންސިލްތަކުން ކުރަން ރާވާފައިހުރި ބައެއް ކަންކަމަށް ހުރަސް އެޅޭތީކަމަށް އެފަރާތްތަކުން ދެކިލައްވާތީކަން ފާހަގަ ކުރަމެވެ. ނަމަވެސް، މިއިސްލާހުތަކާއެކު އެކުލެވޭ ބަދަލަކީވެސް، ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ބަދަލެއްކަން ފާހަގަ ކުރަމެވެ." އަޝްރަޤްގެ ޕޯސްޓުގައިވެއެވެ.
މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ މާލިއްޔަތުން ކައުންސިލްތަކަށް ދެވޭ ފައިސާ ޒިންމާދާރު ކަމާއެކު، ރަށާއި ރަށުގެ ރައްޔިތުންނަށް ފައިދާ ހުރިގޮތުގަ ހަރަދުކުރަން މަގުފަހި ވެގެން ދާނެކަމަށް މެމްބަރު އަޝްރަޤް ވިދާޅުވިއެވެ.
މެމްބަރު އަޝްރަޤް ވިދާޅުވީ، ރަށްރަށުގައިވާ ކައުންސިލްތަކަށް ބަލާއިރު، ވަރަށް ހިންގުންތެރިކަމާއި ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ ކައުންސިލްތައް ހުރިއިރު، އެފަރާތްތަކަކީ، ސިޔާސީ ކުލައަކަށް ބެލުމެއް ނެތި، އަދި ވަކި ސަރުކާރަކަށް ބެލުމެއް ނެތި، ރައްޔިތުންގެ ފައިދާއާއި މަންފާއަށްޓަކާ މަސައްކަތްކުރާ ކައުންސިލްތަކެއް ކަމަށެވެ. އަދި ދުރާލާ ރާވައިގެން، އެފަރާތްތަކުގެ އެންމެ ފަހު އަހަރާއި ހަމައަށް ރައްޔިތުންގެ ފައިދާއަށްޓަކާ ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް މަޑުޖައްސާ ނުލާ، ދައުރު ފެށުނީއްސުރެ ރޭވުންތެރިކަމާއި އެކު މަސައްކަތް ކުރަމުން އަންނަ ކައުންސިލްތައް ހުުރިކަން ފާހަގަކުރެއްވިއެވެ.
މެމްބަރު އަޝްރަޤް ވިދާޅުވީ، ދިމިގްރާތީ ނިޒާމުގެ ތެރެއިން، އެއިރެއްގަ އޮންނަ ސަރުކާރެއްގެ އެއްބާރުލުމާއި އެކު، އަދި ސަރުކާރުގެ އެއްބާރުލުން ނުލިބޭ ހިނދެއްގައި، ސަރުކާރު ޒިންމާދާރުކުރުވައި، ރައްޔިތުންގެ އަޑު އެއިރެއްގަ އޮންނަ ސަރުކާރަކަށް އިއްވާ، އަދި ލޮބީކޮށް އިހުތިޖާހުކުރަންޖެހޭ ހާލަތުގައި އެކަންވެސްކޮށް، ރައްޔިތުންނަށްޓަކާ ކައުންސިލް ތަކުން ބާރުއަޅަންޖެހޭ ވަގުތުގަކުގައި، އެކަންވެސް ކޮށް، ރައްޔިތުންގެ ތަރައްގީއަށްޓަކާ ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރަމުންގެންދާ ކައުންސިލްތައްވެސް ހުރިކަން ފާހަގަކުރެއްވިއެވެ.
"މިކަންކަމަށް ބަލާއިރު، މިބިލަކީ، މިފަދަ އެއްވެސް ކަމެއް ކުރަން ހުރަސް އެޅޭ ބިލަކަށް ނުވާކަން ފާހަގަ ކުރަމެވެ. އޭގެ ބަދަލުގައި، މިދެންނެވި ނަތީޖާތައް އަވަސް ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ރޫހު ގެނުވާ ބަދަލެއް ކަމުގައި ދެކެމެވެ. އެހެންކަމުން، މިބިލަށް ތާއިދުކުރާކަމާއި، މީގެ ސަބަބުންވެސް ރައްޔިތުންގެ ތަރައްގީއާއި ބޭނުންތަކަށް ފުއްދައިދިނުމަށްޓަކާ ކައުންސިލް ތަކަށް ލިބިފައިވާ ބާރުގެ ބޭނުން އެންމެ ފުރިހަމައަށް ކުރާނެކަމަށް އުންމީދުކުރާ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ." މެމްބަރު އަޝްރަޤްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅުމާއި، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް ދިނުމުގެ އުސޫލް މުރާޖަޢާކުރުން ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކައުންސިލުގެ އުމުރުގެ ފަހު އަހަރު މާލީ ކަންކަން ނިންމުމުގެ އުސޫލުތަށްވެސް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ކައުންސިލްތަކުގެ ދަށުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ކުރެވޭނެ ވަކި ވިޔަފާރިތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެރަށެއްގައި ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިޤްޠިޞާދީ މަސައްކަތެއް ނުކުރެވޭ ގޮތަށް އިސްލާހެއް ހިމަނާފައިވެއެވެ. މީގެ އިތުރުން އެކުންފުނިން ކުރާ މަސައްކަތަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމާއި އެކުންފުނީގެ އިންވެސްޓްމެންޓަކީ 10 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމެންޓަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ލާމަރުކަޒީ ޤާނޫނު ހަރުދަނާ ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، އަސާސީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭންކް އެކައުންޓެއް ހުޅުވާ ނަމަ އޭގެ ތަފްސީލްތައް މާލީ ވުޒާރާއާއި ހިއްސާކުރުމަށް، ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮވެ 6 މަސް ދުވަސް ވެފައިވާނަމަ، ދައުލަތުން ކައުންސިލްތަކަށް ދޭ ގްރާންޓް ދޫކުރަން ވާނީ އެފައިސާ އުނިކުރުމަށް ފަހު ކަމަށް ބިލުގައިއެވެ.
މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ތާޢިދާއެކުއެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.




