Ad

އެމެރިކާގެ ރިޔާސީ އިންހާބުތަކުގައި ވޯޓު ނުލާ މީހުން ގިނައީ ކީއްވެ؟

2016 ވަނަ އަހަރުވެސް 41 ޕަސެންޓް މީހުން ވޯޓުނުލާ

އެމެރިކާގެ ރިޔާސީ އިންތިހާބަކީ މުޅި ދުނިޔެ އެ އިންތިހާބަކަށް ނަޒަރު ހުއްޓާލާ މުހިއްމު އިންތިހާބެކެވެ. ކެމްޕޭނުކުރާ ގޮތާއި ކެމްޕޭނަށް ކުރާ ހޭދައާއި މީޑިޔާ ކަވަރޭޖުގެ ކަންކަމުގައިވެސް މި އިންތިހާބު ފާހަގަކޮށްލެވެއެވެ. މި ހުރިހާ ކަމެއް މިހެން ހުރިއިރު، ފާހަގަކޮށްލަން ޖެހޭ މުހިއްމު އެހެން ހަގީގަތެއްވެސް އެބައޮތެވެ. އެއީ ރިޔާސީ އިންތިހާބުގައި ވޯޓުނުލާ ބޮޑު އާބާދީއެވެ. 2016 ވަނަ އަހަރުގެ އިންތިހާބުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 41.3 ޕަސެންޓް މީހުން ވޯޓު ނުލައެވެ. އެއީ 100 މިލިއަން މީހުންގެ ވޯޓެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމެރިކާގެ އެހާ ބޮޑު އާބާދީއެއް، ގައުމުގެ ވެރިޔާ ކަނޑައަޅާ އިންތިހާބުގައި ވޯޓު ނުލަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ޖަވާބު ލިބެން ޖެހޭ ސުވާލެއް ނޫންތޯއެވެ.

"ދަ އަންޓޯލްޑް ސްޓޯރީ އޮފް އެމެރިކަން ނޮން ވޯޓާސް"ގެ ނަމުގައި ނައިޓް ފައުންޑޭޝަނުން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުގައި ގިނަ މީހުން ވޯޓު ނުލަނީ ކެންޑިކޭޓުން ކަމުނުދާތީ އެވެ. ސާވޭގައި ސުވާލުވެވުނު މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓަކީ އެއްވެސް މާނައެއް ނެތް އެއްޗެއް ކަމުގަ އެވެ. އަށް ޕަސެންޓް މީހުންނަށް ކެންޑިޑޭޓުންނެއް ނޭނގެ އެވެ. އަދި ވަގުތު ނެތިގެން ވޯޓުނުލާ ކަމަށް އަށް ޕަސެންޓް މީހުން ބުނެފައިވާއިރު، ވޯޓުލުމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އަށް ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި އިތުރު އަށް ޕަސެންޓް މީހުން ބުނަނީ އިންތިހާބީ ނިޒާމު ކޮރަޕްޓް ވެފައިވާ ކަމަށެވެ. ފަސް ޕަސެންޓް މީހުން ވޯޓަށް ރެޖިސްޓްރީކޮށްފައެއް ނުވެ އެވެ. އަދި އިންތިހާބުގެ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް ވަގުތު ނެތް ކަމަށް ހަތަރު ޕަސެންޓް މީހުން ބުނެފައިވެ އެވެ.

އެމެރިކާގެ އިލެކްޓްރޯރަލް ނިޒާމަށް އޮންނަ އިތުބާރާ ބެހޭ ގޮތުން ވެސް ސާވޭގައި މައުލޫމާތު ހޯދާ ފައިވެ އެވެ. ވޯޓުލާ މީހުންގެ 25 ޕަސެންޓާއި ވޯޓުނުލާ މީހުންގެ 25 ޕަސެންޓް ޤަބޫލު ކުރަނީ ގައުމުގެ ރައީސް ކަމަށް ހޮވެނީ ޕޮޕިއުލާ ވޯޓުން ނޫން ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށް ވެސް އެމީހުން ދެކެ އެވެ. ސާވޭގެ ނަތީޖާއަށް ބަލާއިރު، ވޯޓުނުލާ މީހުންގެ އާބާދީގެ 27 ޕަސެންޓް މީހުން ބުނަނީ ވޯޓު އޮޅުވާލުމާއި ކޮޕަރްޝަން އެބައޮތް ކަމަށެވެ. އަދި ވޯޓުލާ މީހުންގެ 19 ޕަސެންޓް މީހުން ވެސް މިގޮތަށް ގަބޫލު ކުރެ އެވެ. އަދި އިންތިހާބުތަކުގައި ފައިސާގެ ނުފޫޒު ވަރަށް ބޮޑު ކަމަށް، ވޯޓުލާ މީހުންނާއި ވޯޓުނުލާ މީހުންގެ 20 ޕަސެންޓް ދެކެ އެވެ. އަދި ވަކި ޚާއްސަ ބައެއްގެ (ވަކި މަސްހަލަހަތެއް ޕްރޮމޯޓްކުރާ ގްރޫޕުތައް) ނުފޫޒު އިންތިހާބަށް ފޯރާ ކަމަށް ވޯޓުލާ މީހުންގެ 13ޕަސެންޓް އަދި ވޯޓުނުލާ މީހުންގެ ހަ ޕަސެންޓް ގަބޫލު ކުރެ އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ސައްޙަ ނޫން ކަމަށް ވޯޓުލާ މީހުންގެ 13 ޕަސެންޓް ގަބޫލުކުރާއިރު، ވޯޓުނުލާ މީހުންގެ ހަތް ޕަސެންޓް މީހުން ވެސް އެކަމަށް އެއްބަސް ވެފައި ވެއެވެ.

ޤާނޫނު އަސާސީ އަށް ބަދަލު ގެނެސް، އެމެރިކާގެ ރައީސް އިންތިހާބުކުރާ އުސޫލު ބަދަލުކުރަން ފެންނަ ކަމަށް ވޯޓުލާ މީހުންގެ 52 ޕަސެންޓް މީހުން ބުނެފައިވާއިރު، ވޯޓުނުލާ މީހުންގެ 50 ޕަސެންޓް މީހުން ވެސް އެކަމަށް އެއްބަސް ވެއެވެ. އެ އެންމެން ވެސް ޤަބޫލު ކުރަނީ ރައްޔިތުންގެ އެންމެ ގިނަ ވޯޓު ލިބޭ މީހާ ރައީސް ކަމަށް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. މި މިސާލުގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއެވެ؛ އެ އިންތިހާބުގައި ހިލަރީ ކްލިންޓަން 65.8 މިލިއަން ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ މީހުންގެ 28.5 ޕަސެންޓެވެ. ޑޮނަލްޑް ޓްރަމްޕަށް ލިބިލެއްވީ 27.3 ޕަސެންޓެވެ. އެއީ 62.9 ޕަސެންޓެވެ. މި ނަތީޖާ އަށް ބަލާއިރު ޕޮޕިއުލަ ވޯޓުން ކުރި ހޯއްދެވީ ހިލަރީ އެވެ. އެކަމަކު އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވީ ޓްރްޕެވެ.

މިއީ އަނެއްކާވެސް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. ވޯޓުދަނީ ގުނަމުންނެވެ. މުޅި ދުނިޔެ އިންތިޒާރު ކުރަނީ އިންތިހާބުގެ ނަތީޖާ ލިބޭނެ ވަގުތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *