ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާޗު ސެންޓަރެއް ހުޅުވައިފި އެވެ.
ކުރަން އެންޑް ޗަމްޕާ އިން ޅ އަތޮޅުގައި ހިންގާ ޖަވަކަރާ ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ އަގުހުރި އެއް ވަސީލަތް ކަމަށްވާ ކަނޑާއި އެ ކަނޑުގެ ދިރުންތައް ހިމަޔާތް ކުރުމާއި އޭގެ އިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ވިދާޅުވީ ޖަވަކަރާގައި ހުޅުވި މި ރިސާޗު ސެންޓަރަކީ ވެސް ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް އެ ކުންފުނިން އިސްކަންދީ، އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުޅުވުނު ދޮރެއް ކަމަށެވެ.
މި ރިސާޗު ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާ ކުރުމަށް ފަސް ލެބޯޓަރީއެއް ހަދާފައިވެ އެވެ. އަދި ކަރަންޓީން ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމްތައް ވެސް ހުރެ އެވެ. އެގޮތުން މި ސެންޓަރ ހުޅުވުމާއެކު އިއްޔެއިން ފެށިގެން 5 ދުވަހުގެ މުއްދަތަށް "އެޓޯލް މޯލްޑިވްސް ވޯކްޝޮޕް" ގެ ނަމުގައި ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން ކޮންފަރެންސެއް ވެސް ވަނީ ފަށާފައެވެ. މި ވޯކްޝޮޕަކީ އަތޮޅުތައް އުފެދިފައި ހުންނަ ގޮތާއި އެ ތަންތަނުގެ ދިރުންތަކާ ގުޅޭ ދިރާސާތަކާއި ހޯދުންތަކާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެކެވެ.
އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 28 ސައިންސްވެރިން އަންނަނީ އެ މީހުންގެ ހޯދުންތަކާއި ދިރާސާތައް ހިއްސާ ކުރަމުންނެވެ. އޭގެ ތެރޭގައި މެރިން ބަޔޮލޮޖީ، އައިލެންޑް އިކޮލޮޖީ، އާތު ސައިންސް އަދި ސޯޝަލް ސައިންސްގެ ދާއިރާ އަށް ހާއްސަ، ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ސައިންސްވެރިން ވެސް ހިމެނެ އެވެ. މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖޭގެ މަޝްހޫރު ބައެއް ޖަމިއްޔާތަކުގެ ސައިންސްވެރިން ވެސް ހިމެނެ އެވެ.