Ad

އެމެރިކާގެ ރަތާއި ނުލުމުގެ ބައިބައިވުން: އިންތިހާބަށް ފަހު ބޮޑު ގޮންޖެހުމަކަށް ވާނެ!

އިންތިޚާބު ކާބިޔާބު ވެއްޖެކަމަށް 2 ކެންޑިޑޭޓުންވެސް ގެންދަނީ ބުނަމުން

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވަރުގަދަ ކެމްޕޭނުގެ ސަބަބުން މިފަހަރު މުޅި ގައުމު އޮތީ ނުލާއި ރަތުން ބައިބައި ވެފައެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަލާމާތުގެ ބަހުރުވައިން ނުލުގެ ޖޯ ބައިޑަންގެ ސަޕޯޓަރުންވަނީ ހިތުގައިޖެހި ރުޅިގަދަވެފައެވެ. އަދި ބައިޑަންގެ ކެމްޕޭން ޓީމުން ޑޮނަލްޑް ޓްރަމްޕް ސިފަކުރާ ހަރުކަށި ގޮތްތަކުން، ރަތުގެ ޓްރަމްޕުގެ ސަޕޯޓަރުން ތިބީ ކޮންމެ ކަމަކަށްވެސް ތައްޔާރުވެގެންނެވެ. އިންތިހާއަށް ރުޅިގަދަ ވެފައެވެ.

އެމެރިކާގެ ފަހުގެ ތާރީޚުގައި މިހާތަނަށް ތަޖުރިބާކުރި އެންމެ ވާދަވެރި އިންތިހާބުގައި ޖޯބައިޑަން ކާމިޔާބާ ހަމައަށް ވާސިލުވާނެކަމަށް ބެލެވިފައިވާއިރު، އެގޮތަށް ނަތީޖާ ބުރަވެއްޖެނަމަ މިއީ އެމެރިކާގެ ތާރީޚުގައި، މިހާތަނަށް ވެރިކަމުގައި ހުންނެވި ރައީސަކު ދެވަނަ ދައުރަކަށް ވާދަކޮށްގެން އިންތިހާބުން ބަލިވާ ހަތަރުވަނަ ފަހަރެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގެ ނަތީޖާ ބައިޑަންކޮޅަށް ބުރަވެއްޖެނަމަ އެރޮނގުންވެސް ބައިޑަން ތާރީޚުގެ ތެރެއަށް ވަދެގެންދާނެއެވެ.

ބައިޑަންގެ ކާމިޔާބީ ފެނި، ޓްރަމްޕް އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ އިންތިހާބުގެ ނަތީޖާއަކީ ޖާދޫއަކަށް ވެއްޖެ ކަމަށާއި ބޮޑެތި އޮޅުވާލުންތަކެއް އެބަ ހިނގާކަމަށެވެ. އެހެންކަމުން އޭނާ ވަނީ ވޯޓުގުނުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބު އޭނާއަށް ކާމިޔާބުވެފައިވާ ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ބައިޑަންގެ ސަޕޯޓަރުންނަކީ ބައިމަދު މޮޔަބައެއް ކަމަށާއި އެމީހުން ބޭނުންވާ ގޮތެއް ހަދަން ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕުގެ އިންތިޒާރަށް ޖޯބައިޑަން ވަނީ ރައްދު ދެއްވާފައެވެ.

ބައިޑަންގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ކެމްޕޭނުކުރައްވަނީ ނޫކުލައިގެ ދިދައިގެ ދަށުގައި ކަމަށްވިއަސް ރައީސް ކަމަށް އިންތިހާބުވުމުން، ވަކި ކުލައަކަށް ބެލުމެއް ނޯންނާނެ ކަމަށާއި ޚިދުމަތްކުރައްވާނީ މުޅި އެމެރިކާ ޝާމިލުވާ ގޮތަށް އެމެރިކާ ރައްޔިތުންނަށް ކަމަށެވެ. އަދި އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާއާ ހަމައަށް ވާސިލެވޭއިރު، ގައުމުގައި ބައިބައިވުން ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ގައުމީ މަސްލަހަތާއި ސުލްހަވެރިކަމާއި އެކުވެރިކަން އަލުން ގާއިމްކޮށް ހަޤީޤީ އެމެރިކާއެއް އަލުން ބިނާކުރެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވަނީ ވަރަށް އުނދަގޫ އެހެން ނަމަވެސް މަޖުބޫރު މަސައްކަތްތަކެއް ކަމަށެވެ.

ވޯޓުގުނުން ހުއްޓުވުމަށް ޓްރަމްޕުގެ ޓީމުން މަސައްކަތްކުރާތީ ބައިޑަން ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި ޑިމޮކްރަސީގެ ހަމަތައް ދަމަހައްޓަން މަޖުބޫރުވާނެ ކަމަށެވެ. އަދި ވޯޓު ގުނުން ހުއްޓުވުމުގެ ވިސްނުމަކީ ޑިމޮކްރަސީއާ ދުރު އަދި އެމެރިކާގެ އިންތިހާބީ ނިޒާމާ ވެސް ބީރައްޓެހި ކަމެއް ކަމަށެވެ. ބައިޑަން ވަނީ އޭނާގެ ސަޕޯޓަރުން ކެތްތެރިކަމާއެކު އެންމެ ފަހުގެ ވޯޓު ގުޅާ އިއުލާންކުރުމާ ހަމައަށް ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ތިބުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ "އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބުވާނެ" ކަމަށެވެ.

ދެ ކެންޑިޑޭޓުންވެސް އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާންކުރެއްވުމާއެކު ސަޕޯޓަރުން ވަނީ އުފާފާޅުކުރަން ފަށާފައެވެ. އެހެންނަމަވެސް މެއިލް މެދުވެރިކޮށް ވޯޓުލީ މީހުންގެ ވޯޓު އަދިވެސް ގުނާ ނުމިމޭތީ ޝައްކެއްނެތި އިންތިޚާބުގެ ނަތީޖާ އަދި ވަކި ގޮތަކަށް ނިންމޭކަށް ނެތެވެ. އެހެންނަމަވެސް މިހާރު ފެންނަ ގޮތުން ބައިޑަން ކޮޅަށް އިންތިހާބުގެ ނަތީޖާ ބުރަވުމުގެ ފުރުސަތު އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *