އިރުވަރު ނޫހުގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ބާއްވާ މަސްރޭސް މިފަހަރު ތ އަތޮޅުގެ 3 ރަށަށް ޚާއްޞަކޮށްގެން ބާއްވަން ނިންމައިފިއެވެ.
މިފަހަރުގެ މުބާރާތް ރާވާފައިވަނީ ތ. އަތޮޅު ވަންދޫ، ހިރިލަންދޫ އަދި ކަނޑޫދޫއަށް ޚާއްސަކޮށްގެންނެވެ. މުބާރާތް ބާއްވާނީ ތ. ހިރިލަންދޫގައެވެ.
"އިރުވަރުގެ 5 ވަނަ އަހަރީ ދުވަހާ ގުޅިގެން އަޅުގަނޑުމެން މަސްރޭހެއް ބާއްވަން މި ނިންމީ ވީހާވެސް ގިނަ މީހުންނަށް ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން. މުބާރާތް ރާވާފައިވާގޮތުން ތިން ރަށުގެ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ. މުބާރާތް ބާއްވާނެ ސީދާ ދުވަހެއް ފައިނަލް ކުރަން ރަށު ކައުންސިލާ މަޝްވަރާކުރަމުން މިދަނީ. އަންނަ މަހު މި މުބާރާތް އޮންނާނެ." އިރުވަރުގެ މާރކެޓިން މެނޭޖަރ އާމިނަތު ޝެލީން ބުންޏެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. ކޯވ ސޮޕޮންސަރުންނަކީ މިފްކޯއާއި ރާއްޖޭގައި އެންމެ ފުޅާކޮށް މަސްވެރިކަމުގެ ސާމާނު ވިއްކާ ހައި ފިޝިންގ ޓެކަލްސްއާއި ޕޮއިސް ޕާރފިއުމްއެވެ.
"މި މުބާރާތުގެ ވަނަވަނައަށް އަގު ފައިސާގެ އިނާމުގެ އިތުރުން އަގުހުރި ހަދިޔާތައް ދިނުމަށް ވަނީ ހަމަޖެހިފަ. މިގޮތުން ވަކިވަކި ވަނަތަކަށްވެސް ފައިސާގެ އިނާމުގެ އިތުރުން މަސްދަޅާއި، ސްޕޯޓްސް ފިޝިންގަ ބޭނުންކުރާ ދޮށިވެސް ހިމެނޭ. މި މުބާރާތުގެ ވަނަތަކަށް ޕޮއިސްއިން އަގުހުރި ސެންޓް ވެސް ހަދިޔާކުރާ ގޮތަކަށް ވަނީ ހަމަޖެހިފަ. މީގެއިތުރުން އެންމެ ބޮޑުމަސް ބާނާ މީހަކަށް މޯލްޑިވިއަންއިން ދަތުރުކުރާ ކޮންމެސް އެއް މަންޒިލަކަށް ދެމީހަކަށް ދެކޮޅު ޓިކެޓް ދިނުމަށްވެސް މިދަނީ މަޝްވަރާ ކުރަމުން. މީގެއިތުރުންވެސް އިތުރު އިނާމުތައް ހުންނާނެ." ޝެލީން ބުންޏެވެ.

މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނައިގެ އިތުރުން ވަކި ވަކި ވަނަތައްވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަނީ ވިޔަފާރި ނޫހާއި، މަސްވެރިން އެމްވީގެ އިތުރުން މިނިވަން ނޫހެވެ.
"މިފުރުޞަތުގައި ވަރަށް ޚާއްޞަ ޝުކުރެއް އަަދާކުރަން އެސްޓީއޯއާއި ހައި ފިޝިންއަށް. މަސްވެރިންގެ ބަހުންނަމަ ހައިސޭލްއަށް. އަޅުގަނޑުމެން ބާއްވާ މަސްވެރިކަމާ ގުޅުންހުރި މިފަދަ ކޮންމެ މުބާރާތަކަށް ހައިސޭލްގެ އެހީތެރިކަން ލިބެމުންދަނީ. މީގެއިތުރުން ޕޮއިސް ޕާރފިއުމްއަށާއި މިފްކޯ އަދި މޯލްޑިވިއަންވެސް ޝުކުރު ދަންނަވަން." އިރުވަރުގެ މާރކެޓިން މެނޭޖަރ އާމިނަތު ޝެލީން ބުންޏެވެ.




