Ad
ބީ،އެމް.އެލްއިން ގްރީން ލޯނު ތަޢާރަފްކުރުން. ފޮޓޯ: ބީ.އެމް.އެލް
ބީ،އެމް.އެލްއިން ގްރީން ލޯނު ތަޢާރަފްކުރުން. ފޮޓޯ: ބީ.އެމް.އެލް

ބީ.އެމް.އެލްއިން ރަހުނަކާ ނުލައި ދޫކުރާ ގްރީން ލޯނު ތައާރަފްކޮށްފި 

ބޭންކު އޮފް މޯލްޑިވްސްއިން ރަހުނަކާ ނުލައި5 ލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ގްރީން ލޯނު ތަޢާރަފްކޮށްފިއެވެ.

ބީ.އެމް.އެލްއިން ބުނީ، މިލޯނުގެ ދަށުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި ލޯނު ނެގޭނެ ކަަމަށެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، އިންޓްރެސްޓް ރޭޓަކީ %12 ކަމަށެވެ. ބީ.އެމް.އެލްއިން ބުނީ، މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށްވުރެ ދަށް އަދަދެއް ކަމަށެވެ.

މީގެއިތުރުން ބީ.އެމް.އެލްއިންވަނީ، އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގްރީން ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

މިގޮތުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް ވަނީ %10 އަށް ދަށްކޮށްފައެވެ. ބީ.އެމް.އެލްއިން ބުނީ، މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ %15 އަމިއްލައަށް ޚަރަދުކުރަން ޖެހޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ބީ.އެމް.އެލްއިން ބުނީ، ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނައި ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ، އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރުމަށް ކަމަަށްވެސް އެބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯނު ދޫކުރާ ގޮތަށް މި ގެނައި ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މި ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ނިމާލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *