އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް 2026 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިނަމައިފި އެވެ.
އޭބީއޭ ކޮންފަރެންސަކީ ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން ބައްދަލުކޮށް މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަޤްބަލާ މެދު މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން އަންނަ އަހަރު އެ އެސޯސިއޭޝަނުން ބާއްވާ ކޮންފަރެންސް ހޯސްޓް ކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ.
އަންނަ އަހަރުގެ ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި އެކަން އިއުލާންކުރީ ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގަ އެވެ. މީގެ އިތުރުން އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ އައްޔަންކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު އެ ބޭންކަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެ ފުރުސަތަކީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
މީގެ ކުރިން 2028 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ އެ ކޮންފަރެންސް ރާއްޖޭގައި ހޯސްޓްކޮށްދެއްވާފައެވެ.