ރަށެއްގެ އިޙްތިޞާސުން ފަޅުރަށެއް ވަކިކޮށް ރިސޯޓް ތަރައްޤީކުރާނަމަ އޭގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތަށް، ޤަނޫނަށް ބަދަލު ނުގެނެސް ޤަވައިދުގެ ތެރެއިން އެކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، އެރަށުގެ އިޙްތިޞާސުގައި އޮތް ފަޅު ރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޤާނޫނު މިހާރު އޮންނަގޮތުން އިޙްތިޞާސްގައި އޮންނަ ރަށެއްގައި ރިސޯޓް ތަރައްޤީކޮށް ނުހިންގޭނެކަމަށެވެ. ނަމަވެސް ސިޓީ ހޮޓާ ނުވަތަ ގެސްޓް ހައުސް ވިޔަފާރިއަށް އެފަދަ ރަށްތައް ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން އެދިގެން އެރަށްރަށުގެ އިޚްތިޞާސުން ވަކިކޮށް، މިހާރުވެސް ތަރައްޤީކުރަން ދީފަވާކަމަށެވެ. އަދި އޭގެސަބަބުން ވަޒީފާއާއި އިޤްތިޞާދީ މަންފާތައް ރަށަށް ވަލިބުނު ނަމަވެސް ރިސޯޓު ތަރައްޤީކުރަން ދޭ ރަށްތަކުން ކައުންސިލަށް، މަންފާއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުން މުހިއްމުކަމަށް ވިދާޅުވިއެވެ.
"މި ރަށުގެ އިޙްތިޞާސުގަވެސް ދެ ރަށް އެބައޮތް. ޤާނޫނު ބުނަނީ އިޙްތިސާސުގައި ބާއްވައިން ރިސޯޓް ތަރައްޤީނުކުރެވޭނެކަމަށް. ކައުންސިލުން ތަކަށް ފައިދާއެއް ލިބިދޭނެގޮތަށް ބަދަލުކުރެވިދާނެތޯ، އެކަމާމެދު ގޮތެއް ނުނުނިމި އޮތީ. އުސޫލަށް ބަދަލުގެނެސް، ކައުންސިލްތަކަށް މަންފާއެއް ލިބޭނެ ގޮތް ހަދޭތޯ އޮތް ފުރުޞާތު ދަނި ބަލަމުން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިޚްތިޞާޞްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަކަން ފާހަގަކުރައްވައި، އެކަން ލަސްވާ ސަބަބު އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން ވިޔަސް، ސަރުކާރުން އެމަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެކަމަށާއި، ޞިއްޙީ މަރުކަޒަށް މިއަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އަންނައަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އައު މިސްކިތެއް އަޅުއްވައި، ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު ކުޅެވޭގޮތަށް ދަނޑު ތަރައްޤީކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.




