Ad

އެެމެރިކާގެ މަގުތައް: ވޯޓުގެ އަޑުން ގުގުމާލާފައި!

ޓްރަމްޕް ވިދާޅުވީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް މުޅި ދުނިޔެ އިންތިޒާރުކުރަމުން ދާއިރު ކުރިޔަށް އޮތް ހަތަރު އަހަރު އެމެރިކާގެ ރައީސްކަމަށް އައުމަށް އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން މިހާރު ވަނީ އެމެރިކާގެ މަގުތައް މައްޗަށް ނިކުމެފައެވެ.

އިންތިޚާބުގައި ވާދަކުރެއްވީ އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އެވެ. ކުރިންވެސް ބެލެވިފައިވާ ގޮތަށް ނަތީޖާތައް އެންމެ ފުރަތަމަ އަންނަން ފެށިއިރު ކުރީގައި އުޅުއްވީ ޓްރަމްޕެވެ. އެއީ އިންތިޚާބުގެ ކެމްޕެއިންގައި ޓްރަމްޕް ތަކުރާރުކޮށް ކުރައްވަމުން ގެންދެވި ތުހުމަތުކަމުގައިވާ ޕޯސްޓް މެދުވެރިކޮށް ކުރިން ލާ ވޯޓުތަކުގައި އޮޅުވާލުންތައް އުޅޭތީ ޓްރަމްޕްގެ ސަޕޯޓަރުން ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ވޯޓުލާން ނިކުމެ ވޯޓުލާފައިވާތީ އެވެ. ފުރަތަމަ ނަތީޖާތައް އަންނަން ފެށީ އެދުވަހު ލީ ވޯޓުތަކުގެއެވެ.

ބައިޑަން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރަޓުންގެ ގިނަ އަދަދެއްގެ ބަޔަކު ގެންދިޔައީ ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން ވޯޓުލަމުންނެވެ. މިފަހަރުގެ އިންތިޚާބަކީ އެމެރިކާގައި މިފަހުގެ ތާރީޚެއްގައިވެސް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކުރިން ވޯޓުލުމުގެ މަރުހަލާގައި ވޯޓުލި އިންތިޚާބެވެ. ކުރިން ވޯޓުލުމުގެ މަރުހަލާގައި ނިކުމެ ވޯޓުލީ މީހުންގެ އަދަދު 100 މިލިއަނަށްވުރެ މައްޗެވެ. އެހެންކަމުން ކުރިންވެސް ބެލެވިފައިވަނީ އިންތިޚާބުގެ ނަތީޖާ އެނގުމަށް ދުވަސްތަކެއް ނަގާނެކަމެވެ. އެއީ ޕޯސްޓް މެދުވެރިކޮށް ލާފައިވާ ވޯޓުތައް ގުނުމަށް ގިނަ ވަގުތުތަކެއް ނަގާނެތީއެވެ.

އިންތިޚާބުގެ ނަތީޖާ ފުރަތަމަ އަންނަން ފެށިއިރު ޓްރަމްޕް ކުރީގައި އުޅުއްވުމަށްފަހު ފަހުން ބައިޑަން ވަނީ ކުރި ހޯއްްދަވާފައެވެ. އޭގެފަހުން ބައިޑަން ގެންދެވީ ދެ ކެންޑިޑޭޓުގައި ދެމެދުގައި ހުރި ތަފާތު ބޮޑުކުރައްވަމުންނެވެ. އެމެރިކާގައި ރައީސް ވެރިކަމަށް އައުމަށް ހަމަޖެހިފައިވާ ނިޒާމަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ޚިލާފު ނިޒާމެކެވެ. އިލެކްޓޯރަލް ކޮލެޖް ކިޔާ މިނިޒާމަކީ އެމެރިކާގެ އެކި ސްޓޭޓްތަކުގެ މައްޗަށް ބިނާވެގެންވާ ނިޒާމެކެވެ. އިލެކްޓޯރަލް ކޮލެޖްގައި 538 މެމްބަރުން ތިއްބަވައެވެ. ވެރިކަމަށް ވަޑައިގަތުމަށް އެ ކެންޑިޑޭޓަކަށް މިތަނުން މަދުވެގެން 270 ވޯޓު ލިބެންޖެހެ އެވެ. މިހާރުގެ ނަތީޖާތައް ދައްކާގޮތުން ބައިޑަން ވަނީ އިލެކްޓޯރަލް ވޯޓުގެ 264 ވޯޓު ލިބިވަޑައިގަންނަވާފައެވެ. ޓްރަމްޕަށް ވަނީ 214 ވޯޓު ލިބިވަޑައިގަންނަވާފައެވެ. އެހެންކަމުން ދެން ޓްރަމްޕަށް މިއިންތިޚާބު ކާމިޔާބުކުރެއްވުމަކީ ނާދިރު ކަމެކެވެ.

އިންތިޚާބުގެ ނަތީޖާއިން ބައިޑަން ކުރި ހޯއްދަވަން ފެއްޓެވުމާއެކު ޓްރަމްޕް ވަނީ ސަޕޯރޓަރުންނާއި ބައްދަލުކުރައްވާ އިންތިޚާބުން ކާމިޔާބު ލިބިވަޑައިގަންނަވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ވޯޓު އޮޅުވާލާފައިވާ ކަމަށާއި ވޯޓު ގުނުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި ޕޯސްޓް މެދުވެރިކޮށް ވޯޓުލީ މީހުންގެ ވޯޓުތައް އިންތިޚާބުގެ ފަހު ދުވަހުގެ ފަހުން ގުނުމަކީ ޤާނޫނާއި ޚިލާފު ކަމެކެވެ. އެއީ އެކަމުގައި އޮޅުވާލުންތަކެއް އުޅޭތީއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަމުގެ ހެއްކެއް ޓްރަމްޕަށް ދެއްކިފައެއްނުވެއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަދެއްކުވުމުން ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ވޯޓު ގުނުން ހުއްޓާލުމަށް ގޮވާލަން ފަށާފައެވެ. އިންތިޚާބުގެ މަރުކަޒުތައް ކައިރީގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުން މުޒާހަރާތައް ކުރަމުންދާން ފެށުމުން ބައިޑަން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރަޓުންވެސް ވަނީ އިންތިޚާބުގެ މަރުކަަޒުތައް ކައިރިއަށް އެއްވެފައެވެ. އަދި ދެ ޕާޓީގެ މީހުންވެސް ވަނީ މަގުތަކަށް ނިކުމެފައެވެ. ބައިޑަން އާއި ސަޕޯޓަރުން ބުނަމުންދަނީ ކޮންމެ ވޯޓެއްވެސް ގުނަންޖެހޭނެކަމަށެވެ. ޓްރަމްޕް އާއި ސަޕޯޓަރުން ބުނަމުންދަނީ ވޯޓު ގުނުން ހުއްޓާލާ ވޯޓު ސަލާމަތްކުރުމަށެވެ. ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ އެންމެ ފަހު ދުވަސްކަމަށްވާ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ފަހުން ޕޯސްޓް މެދުވެރިކޮށް އަންނަ ވޯޓުތައް ގުނުން ހުއްޓާލުމަށް ގޮވާލައްވަމުންނެވެ. އަދި ބައެއް ސްޓޭޓްތަކުގެ ވޯޓުތައް އަލުން ގުނުމަށް އެދިވަޑައިގަންނަވަމުންނެވެ.

އިންތިޚާބަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ވައިޓް ހައުސްގައި ވާހަކަދައްކަވަމުންވެސް ޓްރަމްޕް ވިދާޅުވީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށެވެ. އަދި އިންތިޚާބުން ކާމިޔާބު ލިބުނީ އެމަނިކުފާނަށް ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.

އިންތިޚާބުގެ ނަތީޖާ އާ މެދު ޓްރަމްޕް ސުވާލު އުފައްދަވަމުން ގެންދަވާއިރު އެމެރިކާގެ އެކި ސްޓޭޓްތަކުގައި އަންނަނީ މުޒާހަރާތައްކުރަމުންނެވެ. ދެ ފަރާތުގެ ސަޕޯޓަރުން ގެންދަނީ މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަމުންނެވެ. އަނެއްކޮޅުން އެމެރިކާ އަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމަށްވާއިރު މިމުޒާހަރާތަކުގެ ސަބަބުން އަނެއްކާވެސް ކޮވިޑް-19 ފެތުރުން އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *