އދ. ދަނގެތީ ބިންހިއްކުމުގެ މަޝްރޫއާއި، ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އަވަސް ބާރުދުވެލީގައި ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ވީހާވެސް ގާތުން އޮޅުންފިލުއްވުމަށްކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، ދަނގެތީ ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އުމްރާނީ އިގްތިސާދީ ކުރިއެރުމާ ގުޅިފައިވާ މަޝްރޫއެއްކަމަށެވެ.
"ރަށުގެ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތަށް ޑިޒައިންކޮށް ރޭވި ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަންދެން": ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ،
ދަނގެތީ ސްކޫލުގެ އައު އިމާތާރުގެ މަސައްކަތަކީ ރަށުގެ ތައުލީމީ ދާއިރާއަށް މިވަގުތަށް ވަރަށް މުހިންމު މަޝްރޫއެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ވެސް ވައުދުވެވަޑައިގަތްގޮތަށް ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، ވަރަށް ބާރު މިނެއްގައި މަޝްރޫއު ކުރިއަށްގެންދަވާނެކަމަށެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ދަރިވަރުންނަށާއި، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑު ފަސޭހައެއްވެގެންދާނެ ކަމަށާއި، މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލްތައް އޭސީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ދަނގެތީ ސްކޫލުގެ ކްލާސްރޫމުތަކާއި، ހޯލުވެސް އޭސީ ކުރެވިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަރައްޤީކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަނގެތީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށާއި، ދަނގެއްޗަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ރަށެއްކަމުން އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ދަނގެތީގައި ގާއިމުކޮށްދެއްވާނެކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ދަނގެތީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދަނގެތީ ރައްޔިތުންގެ ފަރާތުން ރައީސަށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ އަދި ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލު ހިމެނޭހެން ތަރައްގީކުރާ އައު އިމާރާތުގެ މަސައްކަތް ފަހިދިރިއުޅުން ކޯރޕަރޭޝަނާ ހަވާލުކޮށްފައެވެ.