ޤައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހޯމް މިނިސްޓާރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓާރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިނިސްޓާރ އާއި ސުވާލުކުރައްވާފައެވެ.
މިސުވާލަށް މިނިސްޓާރ ފޮނުއްވެވި ޖަވާބުގައި ވިދާޅުވީ، މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ.އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމްއިއްޔާއާއެކު އެކުލަވާލި ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއްކަން ވަޒީރުގެ ޖަވާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިއާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިންމުމަށް ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށާފައެވެ. މިއީ ހާލަތު ދެނެގަތުމުގައި، ފަރުވާގެ ނިޒާމު ބައްޓަށްކުރަންވީ ގޮތް ދެނެގަތުމުގައި މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްޓަޑީއެކެވެ.




