އދ. ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފަފޮޅަގައު" ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ހަމަޖެއްސެވީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފަފޮޅަގައު" ހަމަޖެއްސެވީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެފަޅު ބޭނުންކުރެވިދާނެ ކަމަށް ކުނބުރުދޫ ރައްޔިތުން ހުށަހެޅުމާއި ގުޅިގެންނެވެ.
މިއާއެކު ރައީސް ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފަވާގޮތަށް އިސްލާހް ގެންނަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.
އާބާދީ އިތުރުވުމުގެ ސަބަބުން ރަށްރަށަށް ބިމުގެ ޖާގައިގެ ދަތިކަން އަންނަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ބިން ލިބުމުގެ ދަތިކަމާއި ރަށްރަށުގައި ވަސީލަތްތައް ގާއިމުކުރުމާއި އިގްތިސާދީ ފުރުސަތުތައް އިތުކުރުމަށްވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. އެހެންކަމުން މިގޮތަށް ބިމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށްރަށަށް، ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުން އަންނަނީ ހަމަޖައްސަވައިދެމުންނެވެ.




