އދ. ހަންޏާމީދޫގައި އަލަށް ގާއިމް ކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސަކަތް ފަށައިފިއެވެ.
މިއިމާރާތުގެ ބިންގާ އަޅާފައިވަނީ އދ ގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
ހަންޏާމީދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ. ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރާއި، ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ގާއިމުކުރުމަށް، އެކަމަށް ބޭނުންވާ އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.




