ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، މާލެ، މ. އެތުމާ، އުމުރުން 35 އަހަރުގެ އަލީ އަޝްރަފް އާއި، ގދ.ވާދޫ ޕެރިސް އުމުރުން 41 އަހަރުގެ ލުހާން ސައީދު އާއި، ވ. ރަކީދޫ، ސިލްވަސްޓަރ، އުމުރުން 39 އަހަރުގެ ނާފިއު ރަޝީދުގެ އިތުރުން، މާލެ، ހ. ފިނިކުރާގޭ އުމުރުން 33 އަހަރުގެ އިބްރާހިމް ޝިނާން އަހުމަދު އެވެ.
ފުލުހުން ބުނީ މި 4 މީހުން ހައްޔަރު ކޮށްފައިވާނީ، މާލެ ހެންވޭރުގައި ހުންނަ ގެ އެއްގެ އެޕާޓްމެންޓެއް ބަލާ ފާސްކޮށް ކަމަށާއި، އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކުޑަކުދިނގެ ތެރޭގައި އުމުރުން 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނު 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.




