އެމެރިކާގެ ތާރީޚުގައި މިހާތަނަށް ރިޔާސީ އިންތިހާބެއްގައި އެއްކެންޑިޑޭޓަކު އެންމެ ގިނަ ވޯޓު ހޯދައިގެން، ކުރިއަށް ހަތަރު އަހަރު އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޖޯ ބައިޑަން ވަނީ އެމެރިކާގެ ތާރީޚުގެ ތެރެއަށް ވަދެފައެވެ.
މިއީ އެމެރިކާގެ ވެރިކަމުގައި މިހާރު ހުންނެވި ނުފޫޒު ގަދަ ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޓީމަށް ސިހުން ގެނުވި ކަމެކެވެ. މީގެ ކުރިން ރަތްކުލަ ޑޮމިނޭޓު ކުރަމުން ގެންގޮސްފައިވާ ބައެއް ސިޓީތަކުން ނޫކުލައިގެ ބައިޑަން ޓީމުގެ ރޭވުންތެރިކަމުން ވަނީ އެފަރަގު ބޮޑުތަނުން ކުޑަކޮށްފައެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ބައިޑަންގެ ކެމްޕޭނު ކާމިޔާބުކޮށް، ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ ވަރުގަދަ ސިކުނޑިއަކީ އެންމެ އިސް މޭސްތިރިއަކީ ކާކު ހެއްޔެވެ؟ އެއީ އަންހެނެކެވެ. ނަމަކީ ޖެނިފާ (ޖެން) އޯ މަލީ އެވެ. އެއީ ރޭވުންތެރި ހިކުމަތްތެރި ވަރުގަދަ ސިކުނޑިއެކެވެ. ޖޯ ބައިޑަންގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ހުރެ، އޭނާ ގެންދަނީ ނަމޫނާ ދައްކަމުންނެވެ. ސުލްހަވެރި ނުފޫޒު ފަދަ ކެމްޕޭނެއް ހިންގައިގެން މުޅި އެމެރިކާ ވަނީ ހޭލައްވާލާފައެވެ. ނަތީޖާ ކޮންމެ ކޮޅަކަށް ބުރަވިއަސް، ޖޯ ބައިޑަން އާއެކު އޭނާ ވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ.
އޭނާއަކީ އާދައިގެ އާއިލާއަކުން އައިސްފައިވާ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ ހިތްތިރި އަންހެނެކެވެ. އޭނާ ހައި ސްކޫލު ނިންމާފައިވަނީ 1990ގެ ކުރީކޮޅު ފްރޭންކަލިން ހައި ސްކޫލުންނެވެ. ޔުނިވާސިޓީ ތައުލީމު ހާސިލުކުރުމަށް ފަހު، މާކެޓިން ފާމެއް އުފައްދައިގެން ދިރިއުޚެމުން ގެންދަނީ ވޮޝިންޓަން ޑީސީގައެވެ.
އޭނާގެ މަންމަ ކެތަރިން ވަނީ އޯކް ސްޓްރީޓް އެލެމެންޓަރީ ސްކޫލުގެ ސެކަން ގްރޭޑްގެ ޓީޗަރުކަން ކޮށްފައެވެ. ބައްޕަ ކެވިން ވަނީ ފްރޭންކްލިން ހައި ސްކޫލުގެ އެސިންޓެންޓް ޕްރިންސިޕަލްކަމާއި ބެންޖަމިން ފްރޭންކްލިން ކްލަސިކް ޗާޓަރ ޕަބްލިކް ސްކޫލުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަ އަހަރު ހޭދަކޮށްފައެވެ.
ބައިޑަންގެ ކެމްޕޭން މެނޭޖަރު ޖެން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ އޭނާގެ އެންމާބަނޑު ދެ ދަރިންނަށް ބަލިވެ އިން ދުވަސްވަރު، ބަރަކު އޮބާމާ ދެވަނަ ދައުރަކަށް އިންތިހާބުކޮށްދިން ކެމްޕޭން ޓީމުގެ ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި ހުރެ ކުރި ތަފާތު މަސައްކަތްތަކާއި ރޭވުންތެރިކަމުގެ ސަބަބުންނެވެ. އޮބާމާ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ފުރަތަމަ ކެމްޕޭނުގައިވެސް އޭނާ އިސްކޮށް ހަރަކާތްތެރިވިއެވެ. އަދި ޖޯން އެޑްވަޑްސް އާއި އަލް ގޯ ގެ ޕީއާރު މަސައްކަތުގައިވެސް ކުރިން ހަރަކާތްތެރިވެފައިވެއެވެ.
އޭނާގެ އެއްމާބަނޑު ދެ އަންހެން ދަރިން ވިހެއީ އޮބާމާ ދެވަނަ ދައުރަކަށް އިންތިހާބުވިތާ ހަފުތާއެއް ފަހުންނެވެ. ވިހެއީ ދުވަސް ފުރައި، ދުވަސްތަކެއް ފާއިތުވެގެން ދިޔަ ފަހުންނެވެ. ޑޮކްޓަރުން ބުނެފައިވަނީ ދުވަސް ފުރުމުންވެސް ވިހެއުން ލަސްވެ ދިގުލައި ގޮސްފައިވަނީ ކެމްޕޭނުގެ ދުވަސްވަރު ޖެން އަށް ކުރިމަތިވި ހާސްކަމާއި ޕްރެޝަރުތަކުގެ ސަބަބުން ކަމަށެވެ.
މިފަހަރު ޖޯ ބައިޑަންގެ މުޅި ކެމްޕޭން އޮތީ އޭނާގެ ސިކުނޑީގައެވެ. ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި މުޅި ޓީމު މެނޭޖުކުރަމުން ގެންދަނީ އޭނާއެވެ. އޭނާ އެމެރިކާގެ މީޑީޔާތަކުގައި ބުނެފައިވަނީ މިފަހަރުގެ ކެމްޕޭނުގައި އޭނާ ބޮޑަށް ބެލީ ހަގީގީ ޕަބްލިކް ރިލޭޝަންގެ މާނަ އެމެރިކާގެ ރައްޔިތުންނަށް ތަރުޖަމާކޮށްދޭށެވެ.
"ޓްރަމްޕާއި އޭނާގެ ޓީމުގެ މަސައްކަތްތަކާއި ބަސްމަގު ދިރާސާކޮށް ބޮޑަށް ބަލާފައި ވާނީ ރައްޔިތުންގެ ހިތްތައް އަތުލެވޭނެ ފަދަ މަޑުމައިތިރި، އިހުތިރާމު ލިބޭ ކެމްޕޭނެއް ހިންގަން. މިފަހަރު މި ހިނގަނީ ހަގިގީ ޕީއާރު ހަނގުރާމައަކީ ގަދަބާރާއި ގާނޫނުގެ ބާރު ބޭނުންކުރުމުގެ ހަނގުރާމައެއް. އަޅުގަނޑުމެން ނަތީޖާ ނެރެން އަމާޒު ހިފާފައިވާނީ ވޯޓު ފޮށިން. ޓްރަމްޕްގެ ޓީމުން އިންތިހާބު ފެށުމުގެ ކުރިންވެސް އޮތީ ބަލިވެއްޖެނަމަ ކޯޓުގައި ފައިޓުކުރުމަށް ކަރުދާސްތައް ރެޑީކޮށްގެން،" އޭނާ ބުނެފައިވެއެވެ.
އެވާހަކަތަކުގެ ތެދުކަން މިހާރު ފާހަގަ ވަމުން އެބަދެއެވެ. ޓްރަޕްވަނީ ވޯޓު ގުނަމުންދާ އެމެރިކާގެ މިފަހަރުގެ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި އެކަން އެމެރިކާގެ ސުޕްރިމް ކޯޓަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
މިފަހަރުގެ އިންތިހާބަކީ އެމެރިކާގެ ފަހުގެ ތާރީޚުގައި ހިންގި އެންމެ ވަރުގަދަ އެންމެ ވާދަވެރި ކެމްޕޭނެވެ. ބައިޑަންގެ ކެމްޕޭނުގެ ރޭވުންތަކުގެ ފުރިހަމަކަން ފެށުނީއްސުރެ މީޑިޔާއިން ގެންދިޔައީ ފާހަގަކުރަމުންނެވެ. އެކަން މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން ސާފުކޮށް ފެންނާން އެބައޮތެވެ. މި އިންތިހާބަށް ފަހު ޖެން ވާނީ އެމެރިކާގެ މަތީ ފެންވަރުގެ ކެމްޕޭން ހިންގުމުގައި އެންމެ ތަޖުރިބާކާރު ތަރިއަށެވެ. ޚާއްސަކޮށް އަންހެނުން ފަހުރުވެރިވާ ފަދަ ސަހުސިއްޔަތަކަށެވެ.