އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މޝްރޫއުތަކަށް ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދެނީ އެ ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ބޭންކުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގައި ކަމަށެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަންކަން އެ ބޭންކުން ހިފަހައްޓަމުންދާކަން ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށެވެ. އަދި ހަމަ އެކަންކަން އެ ބޭކުން ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކާ އެއްގޮތައް ކަމަށާއި، އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމް.އެމް.އޭ އިން ކަނޑަ އަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑް ތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތަކާ އެއްގޮތައް ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފަރމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުން ކަމަށާއި، އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރާ ކަމަށެވެ. އަދި އެ ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ އަށްވެސް ބަލާނެ ކަމަށާއި، ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި އެއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލު ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށާއި، ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށެވެ.
މީގެ އިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށްވެސް އެ ބޭންކުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދިވެސް އިތުރަށް އެ ބޭންކުން ބުނެފައިވަނީ ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯންނާނެ ކަމަށާއި، އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިޔަށް އޮތްތާގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:
• ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
• އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
• ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
• ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
• ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
• އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
ލޯނު ދޫކޮށްފައިވާ އަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންކަން ހާމަކޮށް ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެހެނަސް މި ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަރނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
އެހެންކަމުން އެ ބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށް އަދި ކަމުގެ މަޢުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ބުނެފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް އެ ބޭނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
advertisment
advertisment