ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، އިލެކްޓްރިކް ގޭޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، އިލެކްޓްރިކް ގޭޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ މީހެއްގެ އެހީއާ ނުލައި ޕާސްޕޯޓު ޗެކު ކުރެވޭ ސިސްޓަމް ހިމެނޭ ގޭޓެކެވެ. މިކަން ހާމަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓު ބޭނުންކުރާ މީހުން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި މިހާރު ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށާއި، އީ ގޭޓުތައް ހަރުކުރަނީ އެކަމަށް ނިމުމެއް ގެނައުމަށް ކަމަށެވެ.

"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން، ޖެނުއަރީ 1، 2026 ގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 ގޭޓު (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ،" ރައީސް ޑރ. މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ގޭޓުތައް ހަރުކުރުމަށްފަހު އަންނަ އަހަރު ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އެފަދަ ގޭޓުތައް ހަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބޯޑަރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އިލެކްޓްރިކް ގޭޓަށް އާންމުކޮށް ކިޔަނީ އޮޓޮމޭޓެޑް ބޯޑާ ކޮންޓްރޯލް (އޭބީސީ) އެވެ. އެ ބާވަތުގެ ގޭޓުތައް ބޭނުންކުރެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓު އޮންނަ ފަސިންޖަރުންނަށެވެ.

އީގޭޓުން ފަސިންޖަރުންގެ ޕާސްޕޯޓު ސްކޭން ކޮށްލުމުން ބައޮމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމީހެއްގެ ފޭޝަލް ނުވަތަ ފިންގަޕްރިންޓް ރިކޮގްނިޝަން ބަލައި އެއީ އެ ޕާސްޕޯޓުގެ ވެރިފަރާތްކަން ފަސޭހަކަމާއެކު ކަށަވަރު ކުރާނެ އެވެ. އެ ގޭޓު ހުޅުވޭނީ ޕާސްޕޯޓުގައިވާ މައުލޫމާތާއި އެމީހެއްގެ މައުލޫމާތު ދިމާވާ ނަމަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *