Ad
ސްޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ ތެރެއިން
ސްޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ ތެރެއިން

ޝަރީއަތަށް ހުށައެޅިފައި ނުވާ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓޭނެތޯ ނުވަތަ ނޫންތޯ ސާފުކޮށް މާނަކޮށްދެއްވުމަށް ސްޕްރީމް ކޯޓުގައި އެދިއްޖެ!

ދެން އޮންނާނީ މިމައްސަލައަށް ގޮތެއް ނިންމެވުން

ޝަރީއަތަށް ހުށައެޅިފައި ނުވާ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓޭނެތޯ ނުވަތަ ނޫންތޯ ސާފުކޮށް މާނަކޮށްދެއްވުމަށް ސްޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ސްޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްގައި މިކަން ސާފުކޮށްދެއްވުމަށް އެދިފައިވަނީ މަޝްހޫރު ދިފާޢީ ވަކީލު އިސްމާޢީލް މުޙައްމަދު (އިއްސެބެ)އެވެ.

ދެ ލޯބިވެރިންގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށްފަހު، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރެއްވި އަމުރު ހައިކޯޓުގައި އިސްތިޢުނާފު ކުރުމުން، ހައިކޯޓުން އޭނާ ދޫކޮށްލަން ކުރި އަމުރުގައި މާނަ ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ޕްރޮސިއުޓަރ ޖެނެރަލްގެ ފަރާތުން ސްޕްރީމް ކޯޓުގައި އުސްތިޢުނާފު ކުރުމާ ގުޅިގެން އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފައެވެ.

މި މައްސަލާގައި ދަޢުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތުކުރައްވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމެވެ. ސްޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ހައިކޯޓުން ނިންމި ނިންމުމުގައި 2 ނުކުތާއެއް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަ ކޮށްފައި އޮތް ގޮތުން އެ މާއްދާގައި ބަޔާން ކޮށްފައިވާ ޙާލަތުގައި ހުންނަ މީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުން ފާހަގަ ކުރެއްވިއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ (ބަންދާމެދު ގޮތެއް ނިންމުމާ ގުޅޭ މާއްދާ) ގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ބަންދާމެދު ގޮތެއް ނިންމުމަށް ގެންދެވޭ މީހާއަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކިހުރެ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ 4 ޙާލަތެއްގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ ޙާލަތެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް "ފަނޑިޔާރު އަމުރު ކުރަން ވާނެ" ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުދި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދު ނުކުރެވޭނެ ކަމަށާއި، 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެފަދަ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ބަންދު ކުރުމާ ގުޅޭގޮތުން "ޤާނޫނު ހަނު" ކަމަށް ކަނޑައަޅައި މާނަ ކޮށްފައި އޮތްކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުގައި ދިފާޢީ ވަކީލެއްގެ ގޮތުން ބައިވެރެވަޑައިގެން ވަކާލާތު ކުރެއްވި މަޝްހޫރު ދިފާޢީ ވަކީލު އިސްމާޢީލް މުޙައްމަދު ވަނީ ދައުލަތުން ފާހަގަކުރެއްވި 2 ކަމުގެ އިތުރަށް 2 ވަނަ ކަމެއްގެ ގޮތުގައިވެސް ކަމެއް ފާހަގަ ކުރައްވާފައެވެ. އެއީ ޝަރީއަތަށް ހުށައެޅިފައިނުވާ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކުރާ މައްސަލައެވެ. ވަކީލު އިސްމާޢީލް މުހައްމަދު ވިދާޅުވީ، ސްޕްރީމް ކޯޓުން މިމައްސަލައަށް ގޮތެއް ނިންމަވާއިރު މުޅި މައްސަލައަށް ހައްލެއް އަންނާނެ ފަދަ ގޮތަކަށް މާނަކޮށް ދެއްވުމަށެވެ.

"ސަބަބަކީ އެންމެ ފުރަތަމަ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާގެ ތަޚުޤީޤް ފުރިހަމަ ކޮށް އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވިގެން ޕީޖީން ދައުވާ ކުރީމަ ޝަރީއަތަށް މައްސަލަ ހުށައެޅުނުކަމަށް ވަނީ. ފުލުހުންނަށް ލިބިދޭ ބާރެއް މައްސަލަ ފައިލް ކުރުންވެސް. ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއް ދައުވާ ކުރުމާ ނުކުރުންވެސް. ހެކި ހުއްޓަސް ނެތަސް. އެހެންވީމަ ޝަރީއަތަށް ހުށައެޅިފައިނުވާ މައްސަލައެއްގައި، ޝަރީއަތަށް ނުވެސް ވައްދާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓޭނެތޯ ނުވަތަ ނޫންތޯ މި ކަން ސާފުކޮށް މާނަކޮށްދިނުމަކީ ދިފާއުން ވަރަށް ބޮޑަށް އެދޭކަމެއް. އެއީ ދައުލަތުގެ ފަރާތުން މާނަކޮށްދޭން އެދުނު 2 ކަމުގެ އިތުރަށް ހަމަ މިމައްސަލައިގެ ތެރެއިން އަޅުގަނޑުމެން މާނަކޮށްދެން އެދޭ ކަމެއް. މިހެން މި ދަންނަވަނީ ޖިނާއީ ކުދި މައްސަލަތަކުގައިވެސް މައްސަލަ ޝަރީއަތަށް ހުށަ ނޭޅެނީސް ޝަރީއަތް ނިމެންދެން ބަންދުކުރާތީ." އިސްމާޢީލް މުޙައްމަދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާއެކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހާގެ ބަންދު ކޮންމެ މަހަކު އެއްފަހަރު މުރާޖާ ކުރަންޖެހޭކަމަށާއި، އަދި ޝަރީއަތުގެ ކޮންމެ ހިސާބަކުން ވިޔަސް މައްސަލަ ކޯޓުން ބޭރުވެއްޖެނަމަ ބަންދުގައި ހުންނަ މީހާ ދޫކޮށްލުމަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނު ދަންނަކަމެއް ކަމަށެވެ. އެހެންކަމުން ދިފާޢުން ފާހަގަކުރެއްވި ނުކުތާއަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުން ހައްލު ލިބިފައިވާކަމެއްކަން ޝަމީމް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައިވަނީ އިތުރު މައްސަލައެއް ދިމާ ނުވާ ނަމަ ދެން އޮންނާނީ މިމައްސަލައަށް ގޮތެއް ނިންމެވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *