Ad
އދ ހަދިޔާކުރި ޕީޕީއީ ސަރުކާރާއި ޙަވާލުކުރުން. ފޮޓޯ:: ފޮރިން މިނިސްޓްރީ
އދ ހަދިޔާކުރި ޕީޕީއީ ސަރުކާރާއި ޙަވާލުކުރުން. ފޮޓޯ:: ފޮރިން މިނިސްޓްރީ

އދ.އިން ހަދިޔާކުރި ޕީ.ޕީ.އީތައް ދިވެހި ސަރުކާރާ ހަވާލުކޮށްފި

ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ.އިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީއެވެ.

އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ،  ޔޫ.އެން.ޑީ.ޕީން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޢަބްދުﷲ ޝާހިދު – ފޮރިން މިނިސްޓަރ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީވަނީ، ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީ.ޕީ.އީތައް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ.

ޔޫ.އެން.ޑީ.ޕީން މިއަދު ހަދިޔާކުރި ޕީ.ޕީ.އީގެ ތެރޭގައި 1080 ހެޒެމްޓް ސޫޓާއި،  10،080 އެން-95 މާސްކާއި، 5000 ސަރޖިކަލް ގައުންސްއާއި، 6000 ސަރޖިކަލް މާސްކް ހިމެނެއެވެ. އަދި މިތަކެތީގެ ތެރޭގައި 400 ގޮގްލްސްއާއި، 6000 ހެޑް ކަވަރއާއި، 5000 ޝޫ ކަވަރސްގެ އިތުރުން 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސްވެސް ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިތަކެތި ބޭނުންކުރާނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ.

ޕީ.ޕީ.އީތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދި 1 މިލިއަން ނަން-ސަރޖިކަލް މާސްކްވެސް މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި މާސްކްތައް ބޭނުންކުރާނީ ޔޫ.އެން.ޑީ.ޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލި ހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށް ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައާއި، ކޮވިޑް-19ގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމުން ފޯރުކޮށްދޭ އެހީތެރިކަމަށް ދިވެހި ސަރުކާރުން ފާހަގަކުރެއެވެ. ފޮރިން މިނިސްޓްރީން ބުނީ، މިއަދުވެސް ފެނިގެން މިދިޔައީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވޭ މަސައްކަތުގެ މިސާލެއް ކަމަށެވެ.  

މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލްއާއި، ރާއްޖޭގައި ހުންނަ އދގެ އެޖެންސީތަކުގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *