ކްރިމިނަލް ކޯޓުން ނިންމެވި މަރުގެ މައްސަލައެއްގައި ހިމެނޭ ސިއްރު ހެކިންގެ ހެކިބަހާއި ގުޅުވައި، ދައުލަތުގެ ސިއްރު ހެކިންނަށް ދިފާޢީ ވަކީލުން ބިރުދައްކައި އިންޒާރުދޭކަމުގައި ޤާޟީ ޢަލީ އާދަމް ވިދާޅުވެފައިވާތީ އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށްޓަކައި ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފިއެވެ.
ގާޒީ ޢަލީ އާދަމް ނިންމެވި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނަނީ، ދައުލަތުގެ ސިއްރު ހެކިންނަށް ދިފާޢީ ވަކީލުން ބިރު ދައްކައި އިންޒާރުދިނުމަކީ، ހިނގަމުން އަންނަ ކަމެއްކަމަށެވެ. ޢާންމު ފަރާތަކުން ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހެޅި މިމައްސަލާގައި، ސިއްރު ހެކިންނަށް ދިފާޢީ ވަކީލުން ބިރުދެއްކުމަކީ ހިނގަމުން އަންނަ ކަމެއްކަމުގައި ގާޒީ ޢަލީ އާދަމް ވިދާޅިވެފައިވާތީ އެކަމުގެ ހެކި ދައްކަންޖެހޭ ކަމެއްކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި ބުނާގޮތުން، ޝަރީޢަތަކަށް ހާޒިރުކުރެވޭ ފަރާތަކަށް ނުވަތަ ޤާނޫނީ ވަކީލަކު ކުށްވެރިކުރިކުރުމުގެ ގޮތުން މައްސަލަ ބައްލަވާ ގާޒީއަކު ބަސްބުނުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި މުޅިން ޚިލާފު ޢަމަލެކެވެ. އަދި، ފަނޑިޔާރުންނަކީ އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި، މަސްއޫލުވެރި ބަޔަކަށްވާންޖެހޭ ބައެއްކަމުގައި ވާންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނީ ވަކީލުންނަކީވެސް ވަކި ޤާނޫނެއްގެ ދަށުން ރެގިއުލޭޓްކުރެވޭ ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރެއްކަމުގައިވާއިރު، އެއްވެސް އަސްލެތް ނެތް ގޮތެއްގައި ދިފާޢީ ވަކީލުންނަށް ތުހުމަތުވާގޮތަށް، ދައުލަތުގެ ސިއްރު ހެކިންނަށް ދިފާޢީ ވަކީލުން ބިރުދައްކައި އިންޒޭރުދިނުމަކީ ހިނގަމުން އަންނަ ކަމެއްކަމުގައި ވިދާޅިވެފައިވާތީ އެއީ މުޅި މުޖުތަމަޢުގައި ދިފާޢީ ވަކީލުންނަށް ކުރަމުން އަންނަ އިތުބާރު ގެއްލި، ވަކީލުންގެ އެހީ ހޯދާ ފަރާތްތަކަށް ބޮޑު ގޮންޖެހުމެއްކަމުގައިވާނެ ކަމަށް ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ ސިއްރު ހެކިންގެ ފުރާނައަށް ނުރައްކާކުރާނެކަމުގައި ބުނެ ވަކީލުން އިންޒާރުދިން މައްސަލައެއް، ގާޒީ އަލީ އާދަމް ނިންމެވި މައްސަލާގައި ފެންމަތިވެފައި ނުވާއިރު، އެފަދަ މައްސަލައެއް މީގެ ކުރީގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައެއްނުވެއެވެ.
ގާޒީ ޢަލީ އާދަމްގެ މިނިންމެވުމާއެކު، ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާއިރު، މިފަހުން ޖުޑީޝިއަލް ސަރވިސް ކޮމިޝަނުންވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ރަޝާދުވެސް މަޤާމުން ވަކިކޮށްފައެވެ.




