Ad
އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރައީސްއާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައސްއޮފީސް
އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރައީސްއާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައސްއޮފީސް

ރައީސް ސޯލިހާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ، ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ބަދަހިގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދު އޮތް ވަރުގަދަ ޚާރިޖީ ގުޅުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" އެއް ޤާއިމުކޮށްދީފައިވާތީ، އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ރާއްޖޭގައި މިހާރުވެސް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، "ގްރޭޓަރ މާލެ ކަނެކްޓިވިޓީ" ޕްރޮޖެކްޓް ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރެ މޯދީއަށް އެ މަނިކުފާނުގެ ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ، ދެ ޤައުމުގެ ގުޅުންތައް ކުރިމަގުގައިވެސް އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *