ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދުވަނީ، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފާއި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑޮކްޓަރ ޝީޒާ ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޢާއިޝަތު ނަޒްހަތު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ، ސްކޫލް އޮފް މެޑިސިންގައި ހިންގަމުންދާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ކުރެވިދާނެ ކަންކަމުގެ އިތުރުން މެޑިސިންގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއަށް ރާވާފައިވާ ޕްލޭންތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މިގޮތުން، މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ހޮސްޕިޓަލަކާއެކު މެޑިކަލް ސްކޫލެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި، އެކި ބަލި ބައްޔަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. އަދި މި ކޯސްތަކުގެ ތެރޭގައި ޢަމަލީ ތަމްރީނުތައް ދިނުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރަމުންދާއިރު، އެ ތަންތަނަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ރޭވިފައިވާ ކަންކަމާ އެއްގޮތަށް މަސައްކަތްތައް ކުރަމުން ގެންދިޔުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިރުޝާދު ދެއްވާފައެވެ.