Ad
ދެޤައުމުގެ ފޮރިން ސެކްރެޓަރީން ބޭއްވެވި މަޝްވަރާގެ ތެރެއިން. ފޮޓޯ ފޮރިން މިނިސްޓްރީ
ދެޤައުމުގެ ފޮރިން ސެކްރެޓަރީން ބޭއްވެވި މަޝްވަރާގެ ތެރެއިން. ފޮޓޯ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީން ރަސްމީ މަޝްވަރާތައް ބާއްވަވައިފި

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި، ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާއިރު، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ދެ ޤައުމުގެ ފޮރިން ސެކްރެޓަރީން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި، ދަތުރުފަތުރު އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ސިއްޚީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ކޮންސިއުލަރ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މިއަދު މަޝްވަރާކުރެއްވިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *