Ad
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް. ފޮޓޯ:ރައީސްއޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް. ފޮޓޯ:ރައީސްއޮފީސް

ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރައްވައިފި

ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއްބަޔަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުން ކަމަށް ވިދާޅުވެ, އެޤައުމުތަކުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ތިންވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާޙްކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ޚާއްޞަ ޙަފްލާގައި ތަޤުރީރު ކުރައްވަމުންނެވެ.

އެކި ޤައުމުތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާއި އެޤައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމުގައެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް މިހާރު އޮތް ޙާލަތާ މެދު ވިސްނާއިރު, ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމަށެވެ. މިގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ ގޮތުންނާއި، ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ, މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން ކޯވިޑް-19ގެ ޙާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެއަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަނައްތައިލެވެން ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19 އަށްވުރެވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން މުހިންމު ދެ ކަމެއްގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ކޯވިޑް-19ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް އަޅުގަނޑުމެން ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މިފަދަ އެކިއެކި ކާރިސާތަކަކީ ޤައުމުތަކުގެ ބޯޑަރުތަކަށް އިޚްތިރާމްކުރާ, ނުވަތަ ވަކި ޤައުމަކާމެދު ތަފާތުކުރާ ކާރިސާތަކެއް ނޫން ކަމުގައެވެ.

އަދި ދެވަނަ ފިލާވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ, ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމެވެ. އަދި މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނުގެ ތަޤުރީރުގައި ހަނދުމަކޮށްދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *