Ad

އައިންތުގެ ކާރަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ޓެކްސީ ކުރަމުންދާ ހަމައެކަނި އަންހެން ޑްރައިވަރު ކަމަށްވާ އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މި މަހުގެ ފަސް ވަނަ ދުވަހު އެ މައްސަލައިގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ފަސް ދުވަސް ޖަހައި، މި މަހުގެ 12 ވަނަ ދުވަހު އެނާގެ ބަންދަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލާގައި ހުކުރު ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނުއެވެ.

އައިންތުގެ ޓެކްސީއަށް ފަސް ފަހަރެއްގެ މަތިން ގެއްލުންދީ ބިއްލޫރިގަނޑު ތަޅާލާފައިވުމާއި ގުޅިގެން އޭނާ ވަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އައިންތުގެ ކާރަށް އެންމެ ފަހުން ގެއްލުން ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލޭ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކުކޮށްފައި އޮއްވަ އެވެ. އެ ކާރުގެ ވިންޑް ސްކްރީން ތަޅާލައި، އެހެނިހެން ގެއްލުންދިން މައްސަލަ ބަލަމުންް އަންނަ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގައި ވަނީ ބަހުސް ކޮށްފައެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން އާމިނަތު ވަހީދާގެ ކާރަށް ގެއްލުންދީފައި ވާއިރު އެންމެ ފަހުން އޭނާގެ ކާރަށް ލިބުނު ގެއްލުމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ވަނީ މާލީ ގޮތުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *