ތ. މަޑިފުށީ ފްރެންޑްސް ޕްރިންޓު 5 ވަނަ ޤުރްއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ ތ. ހިރިލަންދޫ، ކެލެފޯނިއަރ، ޔޫސުފް ޝާފިޢު ހޯދައިފިއެވެ.
ރަމަޟާން މަހުގެ 22 އަދި 23 ގައި ކުރިއަށް ގެންދިޔަ މިމުބާރާތުގެ އިނާމު ދިނުމުގެ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މަޑިފުށި ޕޮލިސް ސްޓޭޝަން އިންޗާޖު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރިފާޢުއާއި އެ ޕޮލިސް ސްޓޭޝަން ޑެޕިއުޓީ އިންޗާޖު ސީނިއަރ ސާޖަންޓް މުޙައްމަދު ރިޟްވާނެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމާއި ޓްރޮފީ ވަނީ ދީފައެވެ. މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ބައިވެރިޔާއަށް ޓްރޮފީގެ އިތުރުން ފައިސާގެ އިނާމާއި ލެޕްޓޮޕް ފަދަ އަގުހުރި އިނާމުތައް ވަނީ ދީފައެވެ.
މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު 3 ބައިވެރިން ހޮވިއިރު 5 އަހަރުން ދަށުގެ އުމުރު ފުރާއިން އެންމެ މޮޅު 10 ބައިވެރިންގެ އިތުރުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. މީގެއިތުރުން ތަރުންނަމް އަލް ޤުރްއާނުގެ ބައިން އެންމެ މޮޅު 3 ބައިވެރިން ވަނީ ހޮވާފައެވެ.

5 އަހަރުން ދަށުގެ ބައިވެރިންގެ ތެރެއިން ގަދަ 10ގައި ހިމެނިފައިވާ ބައިވެރިންނަކީ ޔަމަކް ބިން އަރުޝާމް އިމާދު، ޢުމައިރު މުންޒިރު މުޙައްމަދު، ބީނިޝް ބިންތު ރިޟްވާން، ޢައްމާރް ހިޝާމް އަޙްމަދު، މުޙައްމަދު މުލްކު ބިން މުނާޒް އަދި އަޒްކާ އިބްރާހީމް މުޙައްމަދެވެ. 5 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި އެރޯމާ، ޔަމަކް ބިން އަރުޝާމް އިމާދެވެ. މިބައިން 2 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި މުތީ ޢުމައިރު މުންޒިރު މުޙައްމަދެވެ. އަދި 3 ވަނަ ހޯދާފައިވަނީ ބީނިޝް ބިންތު ރިޟްވާ ނެވެ. 18 އަހަރުން ދަށުގެ ބައިން ބަލައިގެން ކިޔުމުގެ ގޮފިން 1ވަނަ ހޯދާފައިވަނީ ތ. މަޑިފުށި، ފިތުރޯނުގެ، އަޙްމަދު ރިޟާން ޙަސަންއެވެ. 16 އަހަރުން ދަށުން ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ ތ. ވަންދޫ، ޖަޒީރާ، މުހައްމަދު ޔަނާލް އަޙްމަދެވެ.
މުޅިމުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ، ނ. މަނަދޫ، ފެމޯރާގެ، އައިޝަތު ލައިބާ ޝާއިފް އެވެ. މި ބައިން 2 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި، ނިރޮޅު، ލޫކު މުޙައްމަދު ޝިފާޒެވެ. އަދި 3 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި މަލީޝާ، އާޔާ މުޙައްމަދު ދީދީ އެވެ.
މުބާރާތުގެ ތަރުންނަމް އަލް ޤުރްއާނުގެ ބައިން ފަޚްރުވެރި 1ވަނަ ހޯދާފައިވަނީ ޅ. ނައިފަރު، ބިގްފިޝް، މުޙައްމަދު ކިޔާން އަންވަރެވެ. 2 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި ނޯބަހާރުގޭ މުޙައްމަދު ނާވީ ނާސިހެވެ. އަދި 3 ވަނަ ހޯދާފައިވަނީ ސ. ފޭދޫ، ދީދާރުގޭ، މަރްޔަމް ނާލާ ޢަބްދުލްޤައްޔޫމެވެ.
އާންމުންގެ ބައިން ފަޚްރުވެރި 1 ވަނަ ހޯދާފައިވަނީ ށ. މަރޮށި، މަދީހާމަންޒިލް، ފާޠިމަތު މަދީހާ އެވެ.
މިފަހަރުގެ މުބާރާތަށް އަލަށް އިތުރުކުރެވުނު ބަންޤި ގޮވުމުގެ މުބާރާތުން ފަޚްރުވެރި 1 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި ނޯބަހާރުގޭ މުޙައްމަދު ނާވީ ނާސިހެވެ. 2 ވަނަ ޅ. ނައިފަރު ބިގުފިޝް މުޙައްމަދު ކިޔާން އަންވަރު ހޯދިއިރު 3 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި ފަރަންސާގެ މައުލަފް މުޚްތާރެވެ.

ފްރެންޑްސް ޕްރިންޓް ޤުރްއާން މުބާރާތުގެ ފަޚްރުވެރި 1 ވަނަ ތ. ހިރިލަންދޫ، ކެލެފޯނިއަރ ޔޫސުފް ޝާފިޢު ހޯދިއިރު މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ ނ. މަނަދޫ ފެމޯރާގެ އައިޝަތު ލައިބާ ޝާއިފެވެ. އަދި މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި ނޯބަހާރުގޭ މުޙައްމަދު ނާވީ ނާސިހެވެ.
މިމުބާރާތަކީ މަޑިފުށީގެ ފްރެންޑްސް ޕްރިންޓުން އިސްނަގައިގެން ރޯދަމަހަށް ޚާއްޞަކޮށް މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދަމުން އަންނަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި 10 އަތޮޅަކުން 70 ބައިވެރިން މުބާރާތުގައި ބައިވެރި ވެފައިވާކަމަށް ފްރެންޑްސް ޕްރިންޓް ވެރިޔާ އަޙްމަދު ޒިޔާމް ވަނީ ވިދާޅުވެފައެވެ. ޒިޔާމް ވިދާޅުވީ، ފަހަރަކަށްވުރެ ފަހަރަކު މި މުބާރާތަށް ލިބޭ ތަރުހީބު ބޮޑު ކަމަށެވެ.
މުބާރާތު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވީ ޤުރްއާނާބެހޭ މަރުކަޒުގެ، އަލްޤާރީ ޙުސައިން ރަޝީދު ޢަލީ އާއި ޤުރްއާނާބެހޭ މަރުކަޒުގެ، އަލްޙާފިޘް މުޙައްމަދު އަޙްމަދެވެ.

ފްރެންޑްސް ޕްރިންޓުން ބުނީ މުބާރާތުގެ މަޤްޞަދަކީ، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުންކަމަށާއި ކީރިތި ޤުރްއާން ހިތުދަސް ކުރުމަށާއި ތަޖުވީދުމަށް ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުންކަމަށެވެ. އަދި މީގެ އިތުރުން ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ފްރެންޑްސް ޕްރިންޓުންވަނީ ބުނެފައެވެ.

މުބާރާތުގައި ކިޔެވި ކޮންމެ ބައިވެރިއަކަށް ބައިވެރިވިކަމުގެ ހަނދާނީ ލިޔުމުގެ އިތުރުން މުސްޚަފް އަދި ދީނީ ވާހަކަ ފޮތް ވަނީ ހަދިޔާކޮށްފައެވެ. މިއީ މިމުބާރާތް ބާއްވާތާ 5 ވަނަ ފަހަރެވެ.




