Ad
ތިން މަޤާމަކަށް ބޭފުޅުން އައްޔަން ކުރެއްވުން. ފޮޓޯ:ރައީސްއޮފީސް
ތިން މަޤާމަކަށް ބޭފުޅުން އައްޔަން ކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

ރައީސުލްޖުމްހޫރިއްޔާ، 3 މަޤާމަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތިން މަޤާމަކަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ޖެހޭވައި އިބްރާހީމް ޝަހީބާއި، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މާފަންނު ޒީނާ ޝިރުޒިމަތު ސަމީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ގ. ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރެވެ. މި މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އަދި އެ މަނިކުފާނު ވަނީ، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަޤާމާއި، ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމާއި، ޑިރެކްޓަރުކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ހަމައެއާއެކު ޝަހީބު ވަނީ، މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގ ހައިކޮމިޝަނަރ އޮފް މޯލްޑިވްސްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރސްއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނު ވަނީ، އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން ބެޗެލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަރޑީޒް ހާސިލުކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ޝިރުޒިމަތު ސަމީރު އެންމެފަހުން އަދާކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ. އަދި އެކަމަނާވަނީ، މީގެކުރިން މޯލްޑިވްސް އެމްބަސީ އިން ޖަރމަނީގެ މިނިސްޓަރ ކައުންސެލަރގެ މަޤާމވެސް ފުރުއްވާފައެވެ.

ޝިރުޒިމަތު ސަމީރު މާސްޓަރސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައިވަނީ، ނެޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އެކަމަނާވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލަރ އޮފް އަރޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ.

މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޢައްޔަންކުރެއްވި ޢާއިޝަތު ޝާން ޝާކިރު މިއަދާ ހަމައަށް ހުންނެވީ، ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި އެކަމަނާ މީގެކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުންވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *