Ad

ބަޖެޓަށް ބަހުސްކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަޖެޓުގެ ބަހުސް ކުރިޔަށް ގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު އެވެ. ބަޖެޓް ބަހުސް މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކުރިޔަށް ގެންދާނެކަމަށް ބެލެވެއެވެ.

އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ މެމްބަރަކަށްވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތު ދިނުމަށެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ބަޖެޓް ދިރާސާކުރަމުން އަންނަ ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށް ބަޖެޓް ދިރާސާކޮށް ނިންމާ ރިޕޯޓް އެކުލަވާލުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *