Ad
ޖުވެނައިލް ކޯޓުގެ ގާޟީ ޢަބްދުލްބާރީ ޔޫސުފް
ޖުވެނައިލް ކޯޓުގެ ގާޟީ ޢަބްދުލްބާރީ ޔޫސުފް

ގާޟީ ބާރީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭ.އެސް.ސީން މަޖިލީހަށް ހުށަހަޅައިފި

ޖުވެނައިލް ކޯޓުގެ ގާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގާޟީ ބާރީގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ، މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ 85 ވަނަ ބައްދަލުވުމުގައެވެ.

ގާޟީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޟީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.

ޖޭއެސްސީން ބުނީ، މިމައްސަލަތަކުގެ ތަޙްޤީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާއި، ގާޟީ ބާރީއާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޟީ ބާރީ ބައިވެރިވިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމް ކުށުގެ ދައުވާގައި، ނަޝީދުގެ މައްޗަށް ޙުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަދީބަށް ފޮނުވަން ގާޟީ ބާރީ އެ ޙުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ޝަރީއަތްތައް އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޟީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އަދި ހަމަ އެދުވަސްވަރު ކުރީގެ ނައިބުރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޟީ ބާރީއަށް ދީފައިވާކަމާއި، ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވާއިރު، އެފައިސާއަކީ ގާޟީ ބާރީ ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަޙުޤީޤަށް އެނގޭ ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން ޖޭ.އެސް.ސީިން ބުނީ، އެކޮމިޝަނުން ގާޟީ ބާރީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޟީ ބާރީއާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން އެކޮމިޝަނަށް އަންގާފައިވާތީ، ބާރީ މިވަގުތު ހުރީ ސަސްޕެންޑްކޮށްފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *