Ad
ޖޭ.އެސް.ސީގެ ބައްދަލުވުމެއްގެ ތެރެއިން
ޖޭ.އެސް.ސީގެ ބައްދަލުވުމެއްގެ ތެރެއިން

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްޙާ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދީފި

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްޙާ އަލީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދީފިއެވެ.

ޖުޑިޝަލް ސާރވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެޖިސްޓްރޭޓް މުލްޙާ މަޤާމުން އިސްތިއުފާދިނީ އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ 85 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނިކޮށް ކަމަށެވެ.

ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓް މުލްޙާގެ މައްޗަށް ތަހްގީގުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ދިފާއީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި، މައްސަލަތަކުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މެޖިސްޓްރޭޓް މުލްޙާ ދިރިއުޅޭ ގެއަށްގޮސް އޭނާއާ ބައްދަލުކުރާ މައްސަލަތައް ހިމެނޭ ކަމަށެވެ.

އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު މެޖިސްޓްރޭޓް މުލްޙާގެ ކޮއްކޮ ހައްޔަރުކުރި މައްސަލާގައި ހެކި ނައްތާލައި، ހެއްކަށް ނުފޫޒު ފޯރުވައި ތަހުގީގަށް ހުރަސްއަޅައި، ދަތިކުރުމަށްޓަކައި މެޖިސްޓްރޭޓް މުލްޙާ އަމަލުކުރިކަމާއި، އޭނާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ޚިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މުލްޙާ މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ މައްސަލަވެސް ހިމެނޭ ކަމަށް އެކޮމިޝަނުން ބުނެއެވެ.

މެޖިސްޓްރޭޓް މުލްޙާގެ މައްސަލަތަކެއް ބަލަމުންދާތީ، އޭނާ ހުރީ ވަގުތީގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށްފައެވެ.

ފުވައްމުލަކު މެޖިސްޓްރޭޓްގެ މަގާމަށް މަލްޙަ އަލީ އައްޔަންކުރީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *