ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ބޮޑާކަމުގެ ގޮތުން އެމީހެއްގެ ފޭރާން އިސްބާލުކޮށްފި މީހާއަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހުގައި ރަޙްމަތުގެ ބައްލަވާވޮޑިގަތުމުން ބައްލަވާވޮޑިނުގަންނަވާނެތެވެ."
އުންމު ސަލަމާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ. " ކަނބަލުންގެ ހެދުމުގެ ފަސްބަޔާމެދު ކަންތައްކުރަންވީ ކިހިނެއްތޯއެވެ؟ (ތިޔަ ޙުކުމުގައި އަންހެނުން ވެސް ހިމެނޭނެތޯ އެވެ؟) ޙަދީޘް ކުރެއްވިއެވެ. ކައިވަތެއްގެ މިންވަރު ދިގުކުރާށެވެ. ( މާނައަކީ ފިރިހެނުން ތަނބިކައްޓާ ހަމައަށް ނުވަތަ ކަށިމަތީގެ މެދަށް ހެދުން ބަހައްޓާ ވަރަށްވުރެ ކައިވަތެއްގެ މިންވަރު އަންހެނުންގެ ހެދުމުން ދިގުކުރާށެވެ.)
އުންމު ސަލަމާ ވިދާޅުވިއެވެ. " އެވަރުންވެސް ފައިތިލަ ފެންނަ ނަމަ ހަދަންވީ ކިހިނެއްތޯއެވެ؟ " ޙަދީޘް ކުރެއްވިއެވެ. "މުށެއްގެ މިންވަރަށް ދިގުކުރާށެވެ. އެއަށްވުރެ ދިގު ނުކުރާށެވެ."
رواه الترمذي (1653) والنسائي (5241) وأحمد (4541) وصححه الألباني .
ހިލޭ ފިރިހެނުންނަށް ނުފެންނާނޭހެން، ހެދުމުން ނުވަތަ އިސްޓާކީނުން ދެފައިތިލަ ނިވައިކުރުމަކީ އަންހެނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުއްވި ކަނބަލުން ފުރިހަމައަށް ނިވައިވެގެން އުޅުމަށް ނުހަނު ބޮޑަށް ސަމާލުކަން ދެއްވި އެވެ. އެކަނބަލުން ފައިތިލަ ނިވާކުރުމަށްޓަކައި އެކަނބަލުންގެ ފޭރާމުގެ ފަސްބައި ދިގުކުރެއްވިއެވެ.




