ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫ.އެން އޯ.ޑީ.ސީ)ގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވާސަލާތީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު މި ތަކެއްޗާ ހަވާލުވެލެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ހަދިޔާކުރި އެ ތަކެތި ޔޫ.އެން އޯ.ޑީ.ސީގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްދެއްވީ، ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެން.އޯ.ޑީސީއާއި ޖަޕާން ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ފުލުހުންގެ މުވާސަލާތީ ނިޒާމް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ދިޔައީ 2004 ވަނަ އަހަރުގައިކަން ފާހަގަކުރައްވާ، ބޭރުގެ ހިލޭ އެހީގެ ދަށުން އޭރު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި މުވާސަލާތީ ނިޒާމް ޤާއިމުކުރި ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނީ ބަދަލުުތަކާއެކު މި ނިޒާމް މިހާރު ރާއްޖޭގެ 16 ސަރަހައްދަކަށް ފުޅާވެގެންގޮސްފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފްރަންޓްލައިން ޓެކްނޮލޮޖީއެއް ޤާއިމްކުރުމާއި، ވަރޗުއަލް ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ އިތުރުން އޮންލައިންކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރުކުރުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަސްޓަމް ސޮފްޓްވެއަރއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވެވިއެވ. އަދި ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީއާއި، ޖަޕާން އެމްބަސީގެ ހެޑް އޮފް އިކޮނޮމިކް ކޯޕަރޭޝަން ނައުކޯ ޔުޒާވާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވާސަލާތީ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް، ޔޫއެންއޯޑީސީގެ ފަރާތުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.