ބޭރު ޤައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް، ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް ވަޑައިގެން، ސަރުކާރުން އެރަށުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، އެރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަނެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮތުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ހދ.ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ، މިސިލްސިލާގެ ދަށުން އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތެއްގެ އިތުރުން ފަސޭހަކަމާއެކު މުދާ އުފުލޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ، އިގްތިޞާދީ ޙަރަކާތްތައް އިތުރުކޮށް ސަރަޙައްދީ ތަރައްޤީ ގެނައުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މީހުން އުޅޭ ކޮންމެ ރަށަކުންވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮންނަ ގޮތަށް، ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުންކަމަށާއި، އެއަރޕޯރޓްތަކާއި ކައިރީގައިވާ އެހެން ރަށްތައްވެސް ރަނގަޅު ފެރީ ވިއުގައަކުން ގުޅައިލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ތަފްޞީލު ކޮށްދެއްވަމުން އެމަނިކުފާނުވަނީ، މިއަދު މިހުޅުވުނީ ހޯރަފުށީ އެއަރޕޯޓް ކަމުގައިވީ ނަމަވެސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެގޮތުން މިއެއަރޕޯޓަކީ، މުޅި އިހަވަންދިންޕޮޅު ތަރައްޤީކުރުމުގެ ފެށުން ކަމަށާއި، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުންވެސް އުންމީދުކުރަމުން ދިޔަ ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއްވަޞީލަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ވިއުގައަކުން ގުޅައިލުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، މާލެ ނޫން ސަރަޙައްދުތަކަށްވެސް ރާއްޖެއިން ބޭރުން ދަތުރުވެރިންނަށް އާދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ގެންގުޅޭ ރޭވުންތައް ޙިއްޞާކުރައްވާފައެވެ. މިގޮތުން ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯރޓެއް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި، އެމަސައްކަތް ނިމުމުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް ސީދާ ބޮޑު ތިލަދުންމައްޗަށް ދަތުރުކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އައްޑޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންވެސް ރައީސުލްޖުމްހޫރިއްޔާވަނީ ޙިއްޞާ ކުރައްވާފައެވެ.
ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެމަނިކުފާނު ހޯރަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ވެވަޑައިގެންނެވި ވަޢުދެކެވެ.
މިއީ ތިލަދުންމަތީ އުތުރުބުރީގައި ތަރައްޤީކުރި ފުރަތަމަ އެއަރޕޯޓެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހޯރަފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އެރަށު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންތިޒާމްކުރި ޖާފަތެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ އިރާކޮޅުވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.