ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ޤާނޫނުގައިވާ ގޮތުގެ މަތިން ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް އިފްތިތާޙުކޮށްދިނުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޯރަފުށީ އެއަރޕޯޓަކީ ހއ.އަތޮޅުގެ ފަތުރުވެރިކަމަށްވެސް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، އެ ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވަގުތު ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާތަނަށް އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް މާގިނަ ފުރުޞަތުތަކެއް ނެތް ނަމަވެސް، އައު އެއަރޕޯޓާއެކު ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް އެ ސަރަޙައްދުގައި ތަނަވަސްވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރަން ކަނޑައެޅި ބިންތައް އަވަހަށް ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
އެ މަގުން ކަންހިނގަން ފަށާފައިވާކަމުގެ ހެކި ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ހއ.ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް، އެރަށުގެ އަށް ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވައިލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ އިތުރުން އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، ދެވަނަފަހަރަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެ ކަމަށާއި، އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުން ކުރިން ނަގަމުން އައި ފީވެސް ކުޑަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެ ރަށުގައި ކަސްޓަމްސްގެ އިތުރުން އިމިގްރޭޝަންގެ ޚިދުމަތްތައް މިހާރު ލިބޭނެގޮތް ހަމަޖެހިފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި، އެއަތޮޅު އަލިދުއްފަރު ފިނޮޅާއި، މެދަފުށި ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ރާވާފައިވާކަން ހާމަކުރައްވާ، އެ ރަށްތަކާ ގުޅޭ މަޝްރޫޢުތައް ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެކަން އިޢުލާނުކުރެއްވިއެވެ. މީގެއިތުރުން ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވިގެންދާނެ ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.