Ad

2021 ބަޖެޓް: ޚިޔާލުތަފާތުވުން ބޮޑު، ދަރަނި ބޮޑު، ފާޑުކިއުން ބޮޑު!

އެއްކޮޅު މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ވިސްނުން ވެސް ވަނީ ކަފިކަފިވެފައި

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ބަޖެޓު ބަހުސްގައި މިހާތަނަށް ބައިވެރިވި މެންބަރުންގެ ވިސްނުން މި ބަޖެޓާ މެދު އޮތީ ކަފިކަފިވެފަ އެވެ. ހުދު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ބަޖެޓު އޮތް ގޮތުން ނުރުހެ އެވެ. ބަޖެޓަށް ބަދަލު ގެންނަން ބޭނުންވެއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 34.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ލިބޭނެ އާމްދަނީގެ ޖުމްލަ އަކީ 17.8 ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ، ކުރީ އަހަރު ތަކެކޭ ވެސް އެއްގޮތަށް ޓޫރިޒަމުގެ ޓެކްސްއިންނެވެ. އެއީ 700،000 ފަތުރުވެރިން އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކޮށްގެންނެވެ. އަދި އޭގެ އިތުރުން ބައެއް ތަކެތިން އިމްޕޯޓު ޑިއުޓީ އުފުލާލުމާއި އެއްގައުމު އުޅަނދު ފަހަރުން އިތުރު ފީއެއް ނެގުން ފަދަ ކަންކަން ހިމެނެ އެވެ. ޖުމްލަ އާމްދަނީގެ ތެރެއިން 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާފައި ވަނީ ބޭރުގެ ހިލޭ އެހީގެ ގޮތުގައެވެ. ނިސްބަތުން އިންޑިޔާއަށް ބަރޯސާ ވެފައިވާލެއް ބޮޑުކަން މި އަދަދުގެ ތަފްސީލުން އެނގެއެވެ. އަދި 15.5 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވެފައި އެބަ އޮތެވެ. ޑެފިސިޓް ފައިނޭންސް ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތީ ދެ ގޮތެކެވެ؛ އެއީ އެންމެ ފުރަތަމަ ދިވެހި އިގްތިސާދުގެ ތެރެއަށް ޓްރެޒަރީ ބިލާއި ބޮންޑްސް ވިއްކައިގެންނެވެ. ދެވަނަ ގޮތަކީ އެކި ނަންނަމުގައި ބޭރުގެ ފަރާތްތަކަށް ސޮވްރިން ބޮންޑްސް ވިއްކުމެވެ.

ބަޖެޓާ މެދު މިހާރުގެ ސަރުކާރުގެ ސިޔާސީ ވާދަވެރިންގެ ފާޑުކިއުންތައް އިންތިހާއަށް ބޮޑުވެފައިވެއެވެ.

ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މަޢުމޫނު ވިދާޅުވި އެވެ؛  "ދިވެހި ރާއްޖެ ސޮވްރިން ޑިފޯލްޓަކަށް ހިނގައިދާނެ ކަމުގެ ބިރަށް ދިވެހި ރާއްޖޭގެ ކުރެޑިޓް ރޭޓިން ވަނީ ދަށް ކޮށްފަ. އެހެންވީމާ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ އާމްދަނީ ލިބޭނެ ކަމަކަށް ނުބެލެވޭ"

"ބަޖެޓަކީ އެސަމްޕްޝަންތަކެއް (ލަފާކުރުންތަކެއް) ހެދޭ އެއްޗެއް. އެ އެސަމްޕްޝަންތައް ވާން ވާނީ ތާރީޚުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މުސްތަގުބަލުގައި ކަންހިނގާނެ ގޮތް ހިސާބު އަކުރުން ދަލީލުކުރާ ގޮތަށް އަންދާޒާކުރާ އަންދާޒާކުރުން ތަކަކަށް. ދިވެހި ދައިލަތުގެ އިގްތިސާދު ރަނގަޅު ދުވަސްވަރު ކަމަށްވާ 2016-2018 އަށް ވެސް ދައުލަތުން ލަފާކުރި އާމްދަނީ ލިބިފައެއްނުވޭ. އެހެންވީމާ މިހާރު ދުނިޔެ އާއި ރާއްޖެ އޮތް ހާލަތަލަށް ބަލާއިރު، އަންނަ އަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ލިބޭނެ ކަމާމެދު ޝައްކު،" ޣައްސާނުގެ ވާހަކަ ތަފްސީލުކޮށްދެއްވަމުން ވިދާޅުވިއެވެ.

ދައުލަތުން ހުށަހަޅާފައި އޮތީ 34.4 ބިލިއަން އޮތީ ޚަރަދުކުރާ ގޮތަށެވެ. އޭގެ 62 ޕަސެންޓް ކަމުގައިވާ 21.6 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ޚަރަދެވެ. މާނަ އަކީ އެއީ މުސާރަ އާއި ބިލްތައް ދެއްކުން ފަދަ ކަންކަމަށް ހޭދަވާނެ ފައިސާއެވެ.

ވަރަށް އާދައިގެ ހިސާބެއް ޖަހާލަމާ ހެއްޔެވެ؟ އާމްދަނީ 17 ބިލިއަނުގައި ހުރެފައި 21 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ކަނޑައަޅާފައިވުމުން، އެ ބައި ވެސް ފޫބެއްދޭނީ ދަރަނި ފައިސާއިންކަން ސާފުކޮށް އެބަ އެނގެއެވެ. އެހެނީ ދަރަނި ފައިސާއިން މުސާރަ ދޭން ޖެހޭ ހާލަތު މެދުވެރިވާ ހިސާބެއް، ބަޖެޓު އޮތްގޮތުން، އަންނަ އަހަރު ރާއްޖެއެށް ކުރިމަތިވާނެއެވެ.

"ދަރަނި ބޯ، ހުވަފެނީ ބަޖެޓެއް،" ނައިފަރު ދާއިރާގެ މެންބަރު ޢަހުމަދު ޝިޔާމް ބަޖެޓަށް ފާޑުވިދާޅީ މި ފަދަ އިބާރާތްތަކުންނެވެ. ޖޯޝުގައި ޖެއްކި ވާހަކަތަކުގެ ހުލާސާއަކީ ގައުމު މިހާރު އޮތް ހާލަތުން އަރަގަނެވޭނެ ފަދަ އަދަދު ތަކެއް ބަޖެޓަކު ނެތެވެ. އެގޮތްތަކެއް، ރޭވުންތަކެއް ވެސް ބަޖެޓަކު ނެތެވެ.

ބަޖެޓާ މެދު ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ ބަޖެޓުގައި ޓޫރިޒަމަށް އެހާ ބޮޑަށް ބަރޯސާކޮށްފައި އޮތުމުން ކަންބޮޑުވާ ކަމަށާއި އާމްދަނީ އިތުރުވާނެ އަދި ސީދާ ރައްޔިތުންނަށް ސާފު މަންފާ ލިބޭނެ ފަދަ މަޝްރޫޢުތައް ބަޖެޓަށް އިތުރުކުރުން މުހިއްމު ކަމަށެވެ. މިހާރު ބަޖެޓު އޮތް ގޮތުން އެކަންކަން ސިފައެއް ނުވެއެވެ.

ބަޖެޓު ހުށަހަޅުއްވާފައިވަނީ ކައުންޓަރ ސިކްލިކަލް ފިޒްކަލް ޕޮލިސީއެއްގެ ދަށުން އިކޮނޮމީ ރިވައިވްކުރުމަށް ކުރާ ކަމެއް ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މިއީ ވަރަށް ޓެކްނިކަލް ވާހަކައެކެވެ. ތިއަރީ ފިލާވަޅެކެވެ. މި ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؛ ހުލާސާކޮށްލަމާ ހެއްޔެވެ؟ ކައުންޓަރ ސިކްލިކަލް ފިޒްކަލް ޕޮލިސީގައި އޮންނަ ގޮތަކީ އިކޮނޮމީ ރަނގަޅުވީމަ ޚަރަދު ދަށްކޮށްފަ ޓެކްސް މަތިކުރުމެވެ. ރިސެސަންއެއްގައި ޚަރަދު މަތިކޮށް، ޓެކްސް ދަށްކުރުމެވެ.

ރާއްޖޭގެ އަންނަ އަހަރުގެ ބަޖެޓު އޮތީ މި މިންގަނޑާ ޚިލާފު ގޮތަކަށޭ ބުނެވިދާނެއެވެ. ބަޖެޓު އޮތީ ޓެކްސް މަތިކޮށް ޚަރަދުތައް ވެސް ގިނަކުރާ ގޮތަށެވެ. މިކަމުން އިގްތިސާދަށް ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ނަތީޖާއަށް ބަލަން ތިބުން ނޫން ގޮތެއް މިވަގުތަކު ނެތެވެ.

ސ. މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ބަޖެޓުގައި މައްސަލައެއް ނެތް ކަމަށާއި ބެޖެޓުން ނަތީޖާ ނެރެވޭނެ ކަމަށެވެ.

މަޖިލީހުގެ ބަހުސްގެ މަރުހަލާގައި އޮތް ބަޖެޓާ މެދު ރާއްޖޭގެ މަރުކަޒީ ބޭންކުގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ؛ ޚަރަދު ކުޑަކުރަން އިރުޝާދު ދިނެވެ. ރިކަރަންޓް ޚަރަދާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ވެސް ލަފާ އެރުވިއެވެ. އަދި ވަކިން ޚާއްސަކޮށް އާމްދަނީ އިތުރުވާނެ ފަދަ މަޝްރޫޢުތަކަށް ޚާއްސަ އިސްކަމެއް ދިނުމަށް ވެސް އެމްއެމްއޭއިން ވަނީ ލަފާއަރުވާފައެވެ.

ރ. އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި އަންނަ އަހަރުގެ ބަޖެޓާމެދު ރައްޔިތުންކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ނަފާވާނެ ކަންކަން ބަޖެޓުގައި ގިނަ ކުރަން މަޖުބޫރެވެ. އަދި ބަޖެޓުގައި މިހާރު މަޝްރޫޢުތައް ހިމަނާފައިވަނީ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތުން އެންމެ އިންސާފުވެރިކޮށް ނޫން ކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ ބަޖެޓުގެ މަޝްރޫޢުތައް ހަމަހަމަކޮށް ހިމެނުމަށް ވެސް ވިސްނަން ޖެހެއެވެ.

އަދި ލާމަރުކަޒު ކުރުމުގެ ވިސްނުމުގައި ބަޖެޓުގައި ހިމަނާފައިވާ ކަންކަން މަދުކަމުން ވެސް ވަހީދުގެ ފާޑުކިއުން ބަޖެޓަށް އަމާޒުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަފިކަފި ވެފައިވާ ވާހަކަތަކާ ހަވާލާ ދެއްވާ ފައިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުރެޑިޓް ރޭޓިން ދަށަށް ނުދާނެ ކަމަށާއި މިހާރު އާންމުކޮށްފައިވާ މިންގަނޑު ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން ބޭރުގެ ދަރަނި ނެގުމަށް ރާއްޖެއަށް ދަތިކަމެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ލުއި ލޯނުތަކަށް ވާސިލުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގެ އަމާޒަކީ އިޤްތިސާދު އަލުން އާރާސްތުކުރުމަށް މަގުފަހިކޮށް ދިނުމެވެ. ބަޖެޓު އެކުލަވާލާފައި ވާނީ އެވިސްނުމުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުސްތަގުބަލުގައި ނަގާ ދަރަނިތަކުގެ އިތުރުން މި އަހަރު ބޭރަށް ދައްކަން ޖެހޭ ހަތަރު ބިލިއަން ރުފިޔާ އާއި  2022 ވަނަ އަހަރު ދައްކަން ޖެހޭ ނުވަ ބިލިއަން ރުފިޔާގެ ދަރަނި ދައްކާގެ ގޮތުގެ އަލި މަގެއް ބަޖެޓު ފޮތުގައި ހިމަނާފައެއް ނުވެއެވެ.

ބަޖެޓުގެ މުހިއްމު އަދަދުތަކަށް ބަލާއިރު ޖަވާބު ބޭނުންވާ ވަރަށް ގިނަ ސުވާލުތައް އެބަހުއްޓަވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ މެންބަރުންނާއި ވާދަވެރި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް މިކަންތައް ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *