Ad

މިނިސްޓަރު ކަމުން މަލީހު ވަކިކުރަން ރައީސްއަށް ދަންނަވަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފި

ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ 10 މެމްބަރުން ސޮއިކޮށް އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވާހަކަ ރައީސް ސޯލިހު އަރިހުގައި ދަންނަވަން އެ ބައްދަލުވުމުގައި ބައިވެރިވި ހުރިާ މެމްބަރުން ވޯޓު ދެއްވި އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ޓެލެކޮމިޔުނޭޝަން ގާނޫނުގައި ބުނާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ. އަދި ޓެލެކޮމިޔުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ނުހަދާ ލަސްވުމަކީ އެކަމުގެ ގެއްލުން ދައުލަތަށާއި ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ ޓެލޮކޮމް ސިނާއަތް ރެގިޔުލޭޓުކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކެއް ކަމަށްވެސް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ގަވައިދުތަައް ހެދުމަށް މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުވައްޒަފުން ކުރި މަސައްކަތަށް ސީދާ މިނިސްޓަރު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް އެމައްސަލާގައި ބުނެފައިވެ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ ވާހަކަ ރައީސަށް އަރިހުގައި ދަންނަވަން ނިންމާފައިވާއިރު ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަލީހާ ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

މަލީހު މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *