Ad

މިއީ މުޅި އެތި ޖަހައިގަތުމުގެ ޕުލޭނެތް، ތިޔަ ޖައްސަވަނީ އަމިއްލަ ސަންދޯކަށް މޮހޮރު: މަލީހު

 

ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ފީޖީ ގުރޫޕުން ފާސް ކުރުމާއެކު އެކަމަށް އޭނާ ހޫނު ރައްދެއް ދެވައިފިއެވެ.

ރައްދުގައި މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފާސް ކުރެވިގެން އެ ދިޔައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގާނޫނުއަސާސީގެ މާއްދާ 27އަށް އިތުބާރު ނެތް ކަމަށް ކަމަށެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން ބައިކޮޅަށް ޖެހި ގޯލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރުކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެބޭފުޅާގެ ދޫ މޯގޭޖް ކުރުމަށްފަހު އޭގެ ސެޓްފިކެޓް އެބޭފުޅުންނާ ހަވާލުކޮށްފައި ނުވާނެކަމަށާއި ކުރިޔަށް އެ ގެންދަވަނީ މަކަރުވެރި ހީލަތްތެރިގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރުކޮށް، މުޅި އެތިޖަހައިގަތުމުގެ ޕުލޭނެތްކަމަށެވެ. އަދި ސްޕަރ މެޖޯތިޓީ ސްޕާރ މައިނޯރިޓީއަށް ބަދަލުވެދާނެ ކަމުގެ އިންޒާރުވެސް މަލީހުވަނީ ދެއްވާފައެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޓެލެކޮމިއުނޭޝަން ގާނޫނުގައި ބުނާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭ އެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.

އެ މައްސަލަ ޖައްސާފައި ވަނީ ސަރުކާރު ހިންގަންވާނެ ގޮތް މަޖިލީހަށް ނޭނގޭނެ ކަމަށް ބުނެ ޓީވީ ޕްރޮގްރާމެއްގައި މަލީހު ވާހަކަދެއްކެވި ފަހުންނެވެ. އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން މަލީހް ވިދާޅުވެފައި ވަނީ އޭނާ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖަހައި، ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން ކަމަށެވެ. އަދި އެ މައްސަލައިގައި މީކާއީލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *