Ad

އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން: އަތްނުލާ އަށްދޮ ކިޔުވުމުގެ އާ އުސޫލެއް!

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައީސަށް ހުށަހެޅުމުން ދެން ވާނީ ކިހިނެއް؟

ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިއެއްކަމުގައިވާ ޖުމްހޫރީ ޕާޓީ ސްލޮޓެއްގައި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގެ އިތުބާރު ނެތް ކަމަށް ކޯލިޝަންގެ އެންމެ މައިގަނޑު ބައިވެރިޔާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕުން ކުއްލި ގޮތަކަށް ވަނީ ނިންމާފައެވެ. ނިންމުމަށް ޢަމަލު ކުރުމަށް އެމްޑީޕީން ނިންމާފައި އޮތީ ތަފާތު ގޮތަކަށެވެ. އެއީ މަލީހުގެ އިތުބާރު ނެތްކަމެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާއަށް އެކަން ހުށަހެޅުމަށެވެ. އެމްޑީޕީން މި ތަޢާރަފުކުރީ މުޅިން ތަފާތު އުސޫލެކެވެ. އެއީ ވެރިކަމުގައި ހުންނެވީ އެ ޕާޓީގެ ބޭފުޅެއް ކަމުގައިވާތީއެވެ.

އެމްޑީޕީގެ މި ނިންމުމަށް މަލީހުގެ ނުރުހުމާއި ފާޑުކިއުން އަމާޒުކުރެއްވީ ކުރެއްވި ޓްވީޓަކުންނެވެ. ވިދާޅުވެފައިވަނީ އެމްޑީޕީން އެކުރާ މަސައްކަތަކީ އަމިއްލަ މަހާނައަށް މޮހޮރު ޖެހުމެވެ؛ އަދި އެއީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އެމްޑީޕީން އިޚްތިރާމު ނުކުރާކަން ރަމްޒުކޮށްދިން ނިންމުމެއްގެ ގޮތުގައިވެސް މަލީހު ސިފަކުރައްވައެވެ. މިކަންކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިޔާގައި މަލީހުއަށް ރައްދުދީފައި އެބަހުއްޓެވެ. ހޫނު ކޮށެވެ.

ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީގެ މިފަހަރުގެ އުކުޅަކީ އަތްނުލާ އަށްދޮކިއުވުމުގެ އަމަލެކެވެ. ހެލްތު މިނިސްޓަރު އަމީނުއަށް މިހާލަތު، އެހެންނަމަވެސް ތަފާތު ގޮތަކަށް ކުރިމަތިވިއެވެ؛ އެމަނިފާނު އިޚްތިރާކު ކުރެއްވީ އިސްތިޢުފާއެވެ. މިއީ ވެސް ޖޭޕީގެ ސްލޮޓެކެވެ. ޖޭޕީގެ އަނެއް ސްލޮޓުގައި ހުންނެވި ޓޫޜިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ މަގާމު ގެއްލި މިހާރު ވަނީ ޖިނާއީ ބޮޑު މައްސަލައަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އެމްޑީޕީގެ ނިންމުމުން ރައީސުލްމުޖްހޫރިއްޔާއަށް ލިބިވަޑައިގެންނެވުމުން ދެން ކަންތައް ވާނެ ގޮތަކާމެދުވެސް ސިޔާސީ ނަޒަރަކުން ވިސްނާލާއިރު ސާފު ޖަވާބެއް އަދި ފެންމަތީގައި ނެތެވެ. ރައީސުލްޖުމްހޫރިއްޔާ، މަލީހު ވަކި ކުރައްވާނީތޯއެވެ. ނުވަތަ އިސްތިއުފާ ދެއްވަން ދަންނަވާނީތޯއެވެ. ނުވަތަ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނިންމުމަށް އަމަލު ނުކުރައްވާ މަލީހު ވަޒީރުކަމުގައި ބަހައްޓަވައިގެން ކުރިއަށް ވަޑައިގަންނަވާނީތޯއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނިންމުމުން އެއްކަމެއް އެބަ ކަށަވަރު ވެއެވެ؛ އެއީ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމަން ބޭނުންވާ މެޖޯރިޓީ މަލީހުއަށް ނޫނެކޭ ބުނެފިކަމެވެ. މަޖިލީހުގެ ތަޅުމުން ފާސް ނުކުރި ނަމަވެސް މިއީ ސާފުކޮށް އިތުބާރު ގެއްލިފައިވާ މައްސަލައެއްކަން އެބަ އެނގެއެވެ.

ހޯމް މިނިސްޓަރު، އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައިގައި އެމްޑީޕީން ނިންމީ ހޯމް މިނިސްޓަރަށް އެމްޕީޑީގެ އިތުބާރު އޮތް ކަމަށެވެ؛ މިއީ ދެ ގޮތަކަށް މާނަ ކުރެވިދާނެ ކަމެކެވެ. އެއީ ކޯލިޝަނުގައި އަދާލަތު ޕާޠީ ދަމެހެއްޓުމަށް އެމްޑީޕީން ބޭނުންވާ ކަމަށް ދިން މެސެޖެކެވެ. އަނެއް ގޮތަކީ ހޯމް މިނިސްޓަރުކަމުގައި އިމްރާނު ބަހައްޓަވައިގެން، ގޯސް ރަނގަޅު ކުރުމަށް ބާރު އެޅުމެވެ. އަދި އިދިކޮޅުގެ ނުރުހުން ކެނޑިނޭޅި އިމްރާނަށް އަމާޒުވާނެތީ ޕްރެޝަރުގައި ބެހެއްޓެވުމަށް އެމްޑީޕީން ރުހުންދިނީ ކަމަށް ވެސް ބެލެވެން އެބައޮތެވެ.

މަޢުމޫނުގެ ވެރިކަމުގެ ފަހުކޮޅު އެމްޑީޕީން ބޮޑު މުޒާހަރާއެއް ރާވަމުންދާތީ، އޭރު ސަރުކާރުގެ ތަރުޖަމާނަކަށް ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެމްޑީޕީން އުޅެނީ އެމީހުންގެ ޖަނާޒާ ބާއްވަން ކަމަށެވެ. މިއީ އެމްޑީޕީގެ މެންބަރުންނަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބުނު ބަސްކޮޅެކެވެ. ހަމަ އެގޮތަށް މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމުމުން، އެމްޑީޕީގެ އެ އަމަލު ސިފަކުރައްވަމުން، އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން މިނިސްޓަރު މަލީހު ވިދާޅުވުމުން ވެސް ސޯޝަލް މީޑިޔާގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ޝުއޫރުތައް ހުރީ މިފަދަ ގޮތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *